ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި މަހުގެ މިހާތަނަށް 59 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ހާއްސަ ގާނޫނު ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
އީސީން ބުނީ، 59 ކެނޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓުންނަކީ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށާއި، އަދި ބާކީ 19 ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކެވެ. އެއީ 20 ކެނޑިޑޭޓުންނެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 11 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ހަތަރު ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގާފައެވެ. އެންމެ މަދުން ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔައީ ޕީޕީއެމުންނެވެ. އެ ޕާޓީން ވާދަކުރާ ހަތަރު ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމީޓީގެ އިންތިހާބުގައި އެމްޑީޕީގެ 14 މެމްބަރަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޕީޕީއެމުން ދެ ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ވާދަކުރާ ތިން ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އެއާއެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގު ކޮށްފައެވެ.