ކޮވިޑް-19 އަށްފަހު ގައުމުތަކުގެ އިގްތިސާދު އަލުން ކޮޅަށް ޖަހާއިރު، ކާރިސާތަކާ ބަލިމަޑުކަންފަދަ ކަންކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކަށް ސަމާލުކަން ދިނުމަކީ އިގްތިސާދު އަލުން ކޮޅަށް ޖެހުމުގެ ކާމިޔާބީ ބަލާ މިންގަނޑުކަމަށް ބެލުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލެއްވީ ތަރައްޤީގެ ހައްޤާ ގުޅޭ ގޮތުން ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 45 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ޕެނަލް ޑިސްކަޝަންއަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ތަރައްޤީގެ އެންމެންނަށް ލިބިގެންވާ، ނިގުޅައިނުގަނެވޭނެ ހައްޤެއްކަން ފާހަގަކުރައްވައި، ކޮވިޑް-19 އަށްފަހު ގައުމުތަކުގެ އިގްތިސާދު އަލުން ހުޅުވާލުމުގެ މަސައްކަތުގައި ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ.
ކޮވިޑް-19ގެ ކުރިން، ރާއްޖެއަކީ ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުން އައި ގައުމެއްކަމަށާއި، އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން މުޅި އިގްތިސާދު އެއްކޮށް މަޑުޖެހިފައިވާކަން ފާހަގަކުރައްވައި، ކޮވިޑުން ރައްކާތެރިވުމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން ފަދަ އެތައް ފިޔަވަޅެއް ރާއްޖެއިން އެޅިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ގައުމުތައް ގުޅިގެން، އައު ގޮތްތަކަކަށް މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
ބުރާސްފަތި ދުވަހު ޖެނީވާގައި ކުރިއަށްދިޔަ މި ޕެނަލް ޑިސްކަޝަން އަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ޑިސްކަޝަންއެކެވެ.
މި ޕެނަލްގައި އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވެސް ބައިވެރިވެވަޑައިގަތެވެ.