ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 13:25
ފިހާރައެއް - ތަކެތި ގަނެ ވިއްކުމުގައި ދިމާވާ މައްސަލަތަކަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހެއް ވަނީ އުފައްދާފައި
ފިހާރައެއް - ތަކެތި ގަނެ ވިއްކުމުގައި ދިމާވާ މައްސަލަތަކަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހެއް ވަނީ އުފައްދާފައި
ރާއްޖެއެމްވީ
ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީސް
ވިޔަފާރީގައި ދިމާވާ މައްސަލަތަކަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުން ހައްލު ލިބިގެންދާނެ: އިކޮނޮމިކް މިނިސްޓްރީ
ޤާނޫނު ބައްޓަންވެގެން އައިސްފައިވަނީ މިޒަމާނަށް ފެތޭގޮތަށް ކަމަށް ވިދާޅުވި
ކޮންމެ ކަހަލަ ވިޔަފާރިއެއް ނަމަވެސް ހައްލު ލިބިގެންދާނެކަން ފާހަގަ ކުރެއްވި

ތަކެތި ގަނެ ވިއްކުމުގައި ދިމާވާ މައްސަލަތަކަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުން ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓްގެ ނައިބް ރިޔާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމްތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނު ބައްޓަންވެގެން އައިސްފައިވަނީ މިޒަމާނަށް ފެތޭގޮތަށް އައު ކަންތައްތައް ހިމަނައިގެންކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެންމެ ހާއްސަކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މި ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީސް އުފެދިގެން އައިސް އޮމްބަޑްސްމަންގެ މަސައްކަތް ފެށުމުން ކޮންސިއުމަރުންނަށް ދިމާވާ މައްސަލަތައް ބަލައި އެމައްސަލަތައް އަވަހަށް ނިންމުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އޮންލައިންކޮށް ވިޔަފާރިކުރުން ކަމުގައި ވީނަމަވެސް ފިހާރައަށް ގޮސް ވިޔަފާރިކުރުން ކަމުގައި ވީނަމަވެސް ކަސްޓަމަރެއްގެ ފަރާތުން ޝަކުވާއެއް އައިސްފިކަމުގައި ވާނަމަ ޤާނޫނުގެ ދަށުން މި މައްސަލަތައް ބަލައި ހައްލު ކުރެވޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މައްސަލަތަކުގައި ވިއްކާ ފަރާތާއި ގަންނަ ފަރާތާއި ދެމެދުގައި އެއްބަސް ނުވެވިގެން މައްސަލަތައް އުފެދޭ ހާލަތްތަކުގައި މިޤާނޫނު އަލަށް ތަޢާރަފްކުރިއިރު މި ހުންނަނީ ބައެއްކަހަލަ އުސޫލްތައް ކަނޑައެޅިފައި އޭގެ ގެއްލުން މިވަނީ ކޮންސިއުމަރަށް. ހަމަހަމަކަމެއް ނެތް މި މުއާމަލާތުގައެއް. ދެން މައްސަލަ ޖެހުނީމާ ވިއްކާ ފަރާތުން މި ބުނަނީ އެކަމަށް އެއްބަސްވެގެންނޭ ގަނެފައި އޮތީ. އެކަމު މިޤާނޫނުގައި އެބައޮތް މިކަހަލަ މައްސަލަތަކަށްވެސް ހައްލެއް. އެހައްލަކީ މިފަދަ މުއާމަލާތްތަކަކީ ކަނޑައެޅިގެން އަންފެއަރ ކޮށް ނިންމާފައި އޮތް އުސޫލެއް ކަމަށް ބެލިދާނެ ގޮތްތަކެއް އެބަހުރި މި ޤާނޫނުގައި ކަނޑައެޅިފައި. އެހެންވީމާ ވިއްކާ ފަރާތުން ގަންނަ ފަރާތާއި އެއްބަސްވެގެންނޭ މިކަންކުރީ އެހެން ބުނެގެންނެއް އެވިއްކާ ފަރާތަކަށް މީގެން ސަލާމަތެއް ނުވެވޭނެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓްގެ ނައިބް ރިޔާޒް މަންސޫރު

ރިޔާޒް ވިދާޅުވީ ކޮންމެ މައްސަލަ އަކީ ވެސް އެމައްސަލައިގައި ތަފާތު ހާލަތްތަކެއް ހުންނާނެ މައްސަލައެއް ކަމަށާއި ނަމަވެސް އެމައްސަލައަށް ބަލައި އޮމްބަޑްސްމަންގެ ފަރާތުން ހައްލު ލިބިގެންދާނެ ކަމަށެވެ.

އަދި ހައްލު ލިބޭނެ ގޮތްތަކާއި ވަސީލަތްތައް ޤާނޫނުގެ ތެރެއިން މިހާރު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް