ގދ. ހޯނޑެއްދޫއިން ޕޮޒިޓިވް މީހުންގެ އަދަދު 50އާ ގާތް ކުރަނީއެވެ.
ބުރާސްފަތި ދުވަހު ހޯނޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 44ށް އަރާފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެ ރަށުގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވް 38 މީހުން ތިބި އިރު، އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން ގެންދަނީ ގއ. އަތޮޅު އައިސޮލޭޝަން ފެސިލިޓީގައެވެ.
އެރަށުން މިހާތަނަށް 344 ސާމްޕަލް ނަގާފައިވެއެވެ. މީގެ ތެރެއިން 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ރަށެވެ. އެ ރަށުން އެންމެ ފުރަތަމަ މި ބަލި ފެނިފައިވަނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.