ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ދަރުބާރުގޭގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރި އެތައް ބަޔެއްގެ ކެއުމަށް، މީހަކަށް 160ރ އެއީ ބޮޑު އަދަދެެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރި 1،700 މީހުން މަސައްކަތްކުރިއިރު، އަދި އެތައް މަހެއް ވަންދެން، އެތައް ސަތޭކަ މީހުންގެ ކެއުމަށް، މީހެއްގެ ކޮންމެ ދުވަހެއްގެ ކެއުމަށް 160ރ އަކީ ބޮޑު އަދަދެއް ނޫން ކަމަށެވެ.
ރޮޒައިނާ އެފާހަގަ ކުރެއްވި ގޮތަށް، ކޮވިޑް-19 ރޯގާއިން ރައްޔިތުން ރައްކާތެރި ކުރުމަށް ސަރުކާރާއި ދައުލަތުގެ 46 އިދާރާއެއް ގުޅިގެން ވަނީ ދަރުބާރުގޭގައި "ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު" ގެ ނަމުގައި ވަރަށް ގިނަ ބަޔަކު ބައިވެރިކޮށްގެން ގައުމީ ބޮޑު މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިދިޔަ މާރޗު މަހުން ފެށިގެން، ކުރިއަށް ދިޔަ އެ ސެންޓަރުގައި 24 ގަޑިއިރު މަސައްކަތް ކުރަމުންދިޔައެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، މިއުޅެނީ 8،000ރ ބޮލަކަށް ނަގައިގެން، ރިހާކުރުދިޔަ ބޯންދީގެނެއް ނޫން ކަމަށެވެ.
ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ، މިނިވަން 50 ފާހަގަކުރުމަށް، ބޭއްވި ހާއްސަ ޖާފަތުގެ ޚަރަދުގެ ވާހަކައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ރާއްޖޭގައި ފާހަގަކުރި 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ވަނީ 1000 މީހުންނަށް ދައުވަތު ދީގެން، ބޭއްވި އެޖާފަތަށް ބޮލަކަށް 8،000ރ. ގެ ރޭޓުން، ޖުމްލަ 8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ނުފޫޒުން ނިއުޕޯޓަށް މިނިވަން ފަންސާހުގެ ކޭޓަރިންގ އަށް 8 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާތީ، އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބެލުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަންވެސް ފޮނުވި އެވެ. ނަމަވެސް، ރިޔާސީ ލޯންޗުކޮޅު ގޮއްލާވި ހާދިސާއަށްފަހު، ސަރުކާރުގެ ތެރޭގައި އޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން، ރައީސް ޔާމީނާއި މުހައްމަދު ހުސައިން ޝަރީފާ ދެމެދު އުފެދުނު މައްސަލަ ހައްލުކުރުމާއެކު ޕީޖީގެ އޮފީހުން ވަނީ އެމައްސަލާގައި މުހައްމަދު ހުސައިން ޝާރީފްގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އެމައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ. އޭރު މުހައްމަދު ހުސައިން ޝަރީފްގެ މަންމާފުޅު، އަސްމާ ރަޝީދުއަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރެވެ. އަދި އެއީ ރައީސް ޔާމީންއާއެކު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެމްބަރެކެވެ.
އެންޑީއެމްއޭގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، އުމަރު މޫސާ ފިކުރީ ވިދާޅުވީ 1 މާޗުގައި އެންއީއޯސީ އުފެދުނު ފަހުން އެންއީއޯސީ ވެގެން ދިޔައީ 24 ގަޑި އިރު ފްރަންޓްލައިން ވޯކަރުން އައިސް މަސައްކަތް ކުރާ ތަނަކަށް ކަމަށެވެ. އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މަލްޓި އެޖެންސީގެ ފަރާތްތައް އެންއީއޯސީއަށް އައިސް މަސައްކަތް ކުރަމުން ދިޔައީ އެފަރާތްތަކުގެ އާއިލާއާއި ދުރުގައި އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި، މާލެ ފުރަބަންދުކުރުމުން 24 ގަޑި އިރު އެންއީއޯސީގައި މަސައްކަތް ކުރި ފަރާތްތަކަށް 3 އިރުގެ ކެއުން ހަމަޖައްސައިދިނުމުގެ މުހިންމުކަން އެނގިގެން ދިޔަ ކަމަށެވެ.
އޭނަ ވިދާޅުވީ ކޭޓަރިން ކޮންޓްރެކްޓްތަކަށް ބަލާނަމަ ބޮލަކަށް ދުވާލެއްގެ މައްޗަށް ޖެހެނީ 160 ރުފިޔާ ކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ބަލާލާއިރު ފާހަގަކުރައްވާފައިވާ އެއް އިޝޫއަކީ ކާ ގަޑިތަކުގައި ކެއި މީހުންގެ އަދަދު ރަނގަޅަށް ނޭނގުން ކަމަށާއި، ދަރުބާރު ގެއަކީ އެންޓްރީ އެގްޒިޓް ސިސްޓަމެއް ގާއިމްކޮށްފައިވާ ތަނެއް ކަމުން، މިތަނަށް ވަންނަ ކޮންމެ މީހަކު އެންޓްރީ ސިސްޓަމުން ޕަންޗް އިން ވެފައި އަދި ނުކުންނަ ކޮންމެ ފަހަރަކު ޕަންޗް އައުޓްވެފައި ދާ ގޮތަށް ތަން ފަރުމާކުރެވިފައިވާނެ ކަމަށެވެ.
ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރި މީހުންގެ ކެއުމަށް 5.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.