އިތުރު 67 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ 130 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6:00އާ ހަމައަށް 67 މީހަކު ޕޮޒިޓިވްވި އިރު މީގެ ތެރެއިން 5 މީހަކު ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ. 62 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެއީ 44 ދިވެހިންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ 23 މީހުންނެވެ.
ބުރާސްފަތި ދުވަހު 130 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8033ށް އަރާފައެވެ. އަދި އެކްޓިވް ކޭސްގެ އަދަދަކީ 1422އެވެ.
އެޗްޕީއޭ އިން ބުނީ 104 މީހަކަށް އެޑްމިޓްކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު 684 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިބި ކަމަށެވެ. އަދި މިހާތަނަށް އައި އިރު، 135،958 ސާމްޕަލް ވަނީ ޓެސްޓް ކޮށްފައެވެ. މީގެ ތެރޭގައި ރިޕީޑެޑް ސާންޕަލްތައް ވެސް ހިމެނެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 9494 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް 33 މީހަކު ބަލީގައި ވަނީ ނިޔާވެފައެވެ.
މާލެގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ވެސް ކޮވިޑްގެ ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން އެކްޓިވް ކޭސްތައް ފެނިފައިވަނީ 29 ރިސޯޓެއްގެ އިތުރުން 20 ރަށަކުންނެވެ. އަދި 21 ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތް ކުރާ 48 މުވައްޒަފުން ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އާއި މަޑަވެއްޔެވެ.
ފާއިތުވެދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 100 ށްވުރެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނެވެ. މިހާރު މިއަދަދުތަށް ދަށަށް ދިޔަ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާކަމަށާއި، ސްޕްރެޑް ރޭޓް ދަށް ނުވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.