ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 04:17
ރައީސް ވަހީދު ސަރުކާރުގެ އެޑްވައިޒަރ އަޙްމަދު ތައުފީގް -- އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ރައީސް ވަހީދު ސަރުކާރުގެ އެޑްވައިޒަރ އަޙްމަދު ތައުފީގް -- އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ރާއްޖެ އެމްވީ
ސިޔާސީ ޕާޓީތަކުގެ ޖަލްސާ
މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް
މިއީ އޯގާތެރި ވެރިކަމެއް ނޫން
ސިޔާސީ މައިދާނުގައި ދުޝްމަނުންނެއް ނުތިބޭނެ
ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ

ރައްޔިތުންނަށް މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ވެރިކަން ކުރައްވަން ބޭނުންވާ ނަމަ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގައި ޕޮލިޓިކަލް އެޑްވައިޒަރކަން ކުރެއްވި އަޙްމަދު ތައުފީގް ގޮވާލައްވައިފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތައުފީގް ވިދާޅުވީ މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ވެރިކަން ކުރެވޭނީ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިގެން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިގެން ވެރިކަން ކުރެއްވި ދެ ބޭފުޅުން ކަމަށާއި އަދި ޤާސިމް އިބްރާހިމް އަކީ އެތައް ރައްޔިތުންގެ ލޯބި އެބޭފުޅަށް ލިބިފައިވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ ލޯތްބަކީ ގަދަ ބާރުން ހޯދާ އެއްޗެއް ނޫން ކަމަށް ތައުފީގް ވިދާޅުވި އެވެ.

 

ސިޔާސީ މައިދާނުގައި ދުޝްމަނުންނެއް ނުތިބޭނެ ކަމަށާއި ތިބޭނީ ވާދަވެރިން ކަމަށްވާއިރު މިސަރުކާރުން މިދަނީ ސިޔާސީ ބޭފުޅުންނަކީ ދުޝްމަނުން ކަމަށް ދެކިގެން އެބޭފުޅުން ޖަލުގެ ތޭރިތަކުގެ ތެރެއަށްލާ އިންސާނީ ވަސީލަތް ބަރުބާދު ކުރަމުން ކަމަށް ތައުފީޤް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ފަދަ ބޭފުޅުން ޖަލުގައި ތިބި އިރު އެފަދަ ބޭފުޅުންނަކީ ދުޝްމަނުން ނޫން ކަމަށާއި އަދި އެތައް ސިޔާސީ ވެރިންނަށް ނުހައްގުން ދައުވާކޮށް ޖަލަށް ހުކުމް ކޮށްފައިވާއިރު އެބޭފުޅުންނަކީ ސިޔާސީ ވާދަވެރިން ކަމަށް  މިސަރުކާރުން ނުދެކޭ ކަމަށެވެ.

 

އެހެންކަމުން އެއީ އޯގާތެރި ވެރިކަމެއް ނޫން ކަމަށާއި އެވެރިކަމާއި ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމިންއަށް ރައްޔިތުން ވޯޓް ދިނީ ވެރިކަމުގައި އެބޭފުޅާ ނަމޫނާ ދައްކަވާނެ ކަމަށް ދެކިގެން ކަމަށާއި އެހެން ނަމަވެސް އެބޭފުޅާ ވެރިކަމުގައި ނުބައި ވެއްޖެ ނަމަ ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަމުން ބޭރުކުރަން ޖެހޭ ކަމަށް ތައުފީޤް ވިދާޅުވި އެވެ. އަދި ގުޅިފައިވާ ލަޝްކަރު މުގުރާލެވޭތޯ މިސަރުކާރުން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި މިކަންކަން އިސްލާޙް ކުރަން ތެދުވަން ޖެހޭ ކަމަށް ތައުފީގް ވިދާޅުވި އެވެ.

 

- ކޮމެންޓް