ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރުކަމުގެ މަސައްކަތް ފައްޓަވައިފިއެވެ.
މަސައްކަތްތައް ފެށުމަށްޓަކައި ބޭއްވި ފުރަތަމަ ސީވީއެފްގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ސީވީއެފްގެ އިސްވެރިންނާއި، ބަގްލަދޭޝްގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީ އަބްދުލް ކަލަމް އަޒަދް އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ނަޝީދު މަގާމާއި ހަވާލުވެވަޑައިގެންނެވުމާއެކު މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ބޭއްވިގެން ދިޔަ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ބަގްލަދޭޝްގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީ އަބްދުލް ކަލަމް އަޒަދް ވަނީ ސީވީއެފް 2009 ވަނަ އަހަރު ވުޖޫދަށް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ޗެއަރ ސީވީއެފްގެ ކަމުގައިވާ ބަގްލަދޭޝްގެ ޕްރައިމް މިނިސްޓަރު ޝެއިހް ހަސީނާ ވަނީ ނަޝީދު ސީވީއެފްގެ އެމްބެސެޑަރުކަމުގެ މަގާމު ވަރަށް ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވާ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯރ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެކެވެ.
އެމަނިކުފާނު މި މަގާމަށް އައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވިއިރު، ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަޤުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުން ކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމެވެ.