ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ޕީޕީއެމާއި ގުޅުމުން އެކަމާ ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ، ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަކީ ވަރަށް މުހިންމު ބައެއް ކަމަށާއި، ނަމަވެސް ޑރ. ވަހީދު ޕީޕީއެމާއި ގުޅުމުން އެކަމާ ޖެހިލުންވާ ކަމަށެވެ.
ސަބަބެއް ގޮތުގައި ހަސަން ލަތީފު ފާހަގަކުރެއްވީ ޑރ. ވަހީދު ޕީޕީއެމްއާއި ގުޅުމުން ސަރުކާރާ އިދިކޮޅު ޕާޓީތައް އެއްކޮށް ނެތިދާނެތީ ކަމަށެވެ.
ބެލެވޭ ގޮތުގައި ހަސަން ލަތީފު މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ 2012 ވަނަ އަހަރު، އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ޑރ. ވަހީދު ހުންނެވުމަށްފަހު ބަޣާވާތަކުން ވެރިކަން ވައްޓާލައި ރައީސް ކަމަށް ވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ޕީޕީއެމުން ޑރ. ވަހީދަށް އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމް ދެއްވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ގައުމުގެ ނައިބު ރައީސްގެ މަގާމު ޑރ. ވަހީދަށް ދެއްވުމުން އެޑްވައިޒަރަކު ކަން ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް އަޅުގަނޑުމެން ޖެހިލުންވޭ. އެވާގޮތަކީ އިދިކޮޅު އެއްކޮށް ނެތިދާނެތީ. ފަސް ޕަސެންޓް ނަންގަވައިގެން ހުންނެވި ބޭފުޅެއް އެއީ. އެބޭފުޅާއަކީ އެޑްވައިޒަރު. ދެން އެދެއްވާ އެޑްވައިޒެއް އަޑުއެހީމަ އެންމެ ފަހުންވެސް ކަންތައް ވީގޮތް އެނގިލައްވައިފި ނޫންތޯ."އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
މި މޭރުމުން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގައި އެ ޕާޓީގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމަށް ވަޑައިގަތުމަށް އެކި ބޭބޭފުޅުން ފޫގަޅާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު ވައްކަމުގެ ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މާބޮޑު މަސައްކަތްތަކެއް އެބޭފުޅުން ނުކުރައްވާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިހާރު އެ ޕާޓީއަށް ޑރ. ވަހީދާއި ޑރ. މުހަންމަދު ޖަމީލް އަހުމަދު ގުޅިވަޑައިގެން އުޅުއްވަނީވެސް އެފަދަ އުންމީދުތަކެއް އެބޭފުޅުންނަށް ކުރެއްވޭތީ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ޑރ. ޖަމީލަށް ފާޑުވިދާޅުވަމުން ހަސަން ލަތީފު ވިދާޅުވީ، އެބޭފުޅާ ނޫޅުއްވާ ތަނެއްވެސް ނެތް ކަމަށާއި، އެގޮތުން އެނބުރި ދެވަނަ ފަހަރަށް ޕީޕީއެމާއި ގުޅިވަޑައިގަތީވެސް ކުރީގެ ރައީސް ޔާމީން ނެތް ވަގުތެއްގައި އެޕާޓީގެ ޓިކެޓު ހޯއްދެވުމަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ދެން މިހާރު އެންމެ ވުން ގާތީވެސް އެކަން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.