Advertisement
ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 00:43
ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކުރި ހުސައިން ތައުފީގު
ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކުރި ހުސައިން ތައުފީގު
ފޭސްބުކް
ސިޔާސީ ނުފޫޒް
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި
ކޫއްޑޫ އިން ހަތަރު މީހުން ފެލިވަރަށް ބަދަލުކުރިއިރު، ފެލިވަރުން ކޫއްޑުއަށް ދެ މީހަކު ދާދިފަހުން ވަނީ ބަދަލުކޮށްފަ
ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ތާއީދު ނުކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ވަޒީފާގެ ނުފޫޒު ފޯރުވަމުން
އެގޮތަށް ވަޒީފާ ބަދަލު ކުރުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަސަރުތަކެއް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން

މިފްކޯގެ ދަށުން ހިންގަމުން އަންނަ ގދ. ކޫއްޑޫ މަސްފެކްޓަރީގެ ސީނިޔަރ ހަތަރު މުވައްޒަފަކު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ތާއީދު ނުކޮށްގެން ޅ. ފެލިވަރު މަސްފެކްޓަރީއަށް ބަދަލުކޮށްފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫގެ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކުރި އެ ހަތަރު މީހުންނަކީ ކޫއްޑޫގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދްމަތް ކުރަމުންއައި ޗީފް ސްކީޕަރގެ މަގާމުގައި ހުރި ހުސައިން ތައުފީގް އާއި ކޫއްޑުގައި އަށް (8) އަހަރަށްވުރެ ގިނަ ދުވަހު ހިދްމަތް ކުރަމުންއައި ސީނިއަރ ސްކީޕަރ އަހުމަދު ނާސިރު އާއި 13 އަހަރަށް ވުރެ ދިގުމުއްދަތަކަށް ހިދްމަތް ކުރަމުންއައި ސީނިއަރ ސްކީޕަރ އާސިފް އަހުމަދުގެ އިތުރުން 13 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދްމަތް ކުރަމުންއައި ކޭޝިއަރެއްގެ މަގާމުގައި ހުރި މުހައްމަދު ފިރުދައުސް އެވެ.

ހޯމަ ދުވަހު ހަވީރު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ހުސައިން ތައުފީގް ބުނީ އެމީހުން ވަކިކޮށްފައިވަނީ ރައީސް ޔާމީންގެ ފެކްޝަނަށް ތާއީދުކޮށް، ގއ. ވިލިނގިލީގައި ހުންނަ ޕީޕީއެމް ކެމްޕެއިން ޖަގަހައާއި ކެމްޕެއިން ހަރަކާތްތަކުގައި ހަރަކާތްތެރިވުމަށް އެދުމުން އެކަމަށް ނޫނެކޭ ބުނުމުން ކަމަށެވެ.

ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކުރި އަހުމަދު ނާސިރު

އޭނާ ބުނީ ފިރުދައުސް ފިޔަވާ ދެން ތިބި ތިން މީހުންނަކީ މީގެކުރިން ޕީޕީއެމްގެ އެކިއެކި ހަރަކާތްތަކުގައި އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެރަށުގައި ބުރަ މަސައްކަތް ކުރި މީހުން ކަމަށާއި ނަމަވެސް ޕީޕީއެމުން ރައީސް މައުމޫން ބާކީ ކުރުމުންނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާ ގުޅިވަޑައިގެންނެވުމާއެކު އެތިން މީހުންވެސް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ހަރަކާތްތަކުގައި ބައިވެރި ނުވާކަމަށެވެ.

ތައުފީގު ބުނީ ރައީސް ޔާމީން ފެކްޝަނަށް ތާއީދު ނުކުރުމުން އަދަބެއްގެ ގޮތުން ގިނަ ދުވަހު ކޫއްޑޫގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށް، ފެލިވަރު މަސްފެކްޓަރީގެ ވަޒީފާއަށް ބަދަލުކޮށްފައިވާކަން އެ ހަތަރު މީހުންނަށް އަންގާފައި ވަނީ ކޫއްޑޫ މަސްފެކްޓަރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކަމަށެވެ. އަދި ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރުގެ ވަޒީފާއަށް ބަދަލު ކޮށްފައިވާ ކަމުގެ ލިޔުން އަންގާރަ ދުވަހުގެ ހެނދުނު 09:00 ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި ފެލިވަރަށް ފުރުމަށް ހަމަޖެހިފައިވަނީ ވެސް ހަމަ އެވަގުތު ކަމަށް ތައުފީގު ބުންޏެވެ.

މިކަމާ ގުޅިގެން ކޫއްޑޫގެ ހިއުމަންރިސޯސް ހެޑް މަރިޔަމް ޝަފާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މީޑިއާއަށް އެފަދަ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށާއި ނަމަވެސް މިފްކޯގެ މުވައްޒަފުން އެކުންފުނީގެ ދަށުން އުފައްދާފައިވާ ކޫއްޑޫ އަދި ފެލިވަރު ފަދަ ކުންފުނިތަކަށް އެއްކުންފުނިން އަނެއް ކުންފޫނީގެ ދަށަށް އަބަދުވެސް ބަދަލު ކުރަމުންދާ ކަމަށެވެ.

ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކުރި މުހައްމަދު ފިރުދައުސް

"ރާއްޖެއެމްވީ"އާ  ވާހަކަ ދައްކަމުން ފިރުދައުސް ބުނީ އޭނާއަކީ އެމްޑީޕީގެ ގއ. ދާއިރާގެ އިސް މެމްބަރެއް ކަމަށާއި އޭނާ ކޫއްޑޫ ވަޒީފާއިން ވަކިކޮށް ފެލިވަރަށް ބަދަލުކޮށްފައިވަނީ ޕީޕީއެމަށް ސޮއި ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

ކޫއްޑޫގެ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލު ކޮށްފައިވާއިރު، ފެލިވަރުގެ ދެ މުވައްޒަފަކު ކޫއްޑޫއަށް ވަނީ ބަދަލު ކޮށްފަ އެވެ. އެ ދެ މީހުން ކޫއްޑޫއަށް ބަދަލުކޮށްފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމަށް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް