ތ.ކަނޑޫދޫގެ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ކަނޑޫދޫ ކައުންސިލްގެ މެމްބަރު ނައުޝާދު އަބްދުﷲ ވިދާޅުވީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 2016 އަހަރުގެ ކުރީކޮޅު މަސައްކަތްތަކެއް ފަށާ 50 އަހަރަށް ގިރާ ސަރަހައްދު ހިމާޔަތް ކުރެވޭނެ ކަމަށް ބުނެ ބަސްތާ ތަކެއް ޖެހި ކަމަށެވެ.
އެހެން ނަމަވެސް މަސައްކަތް ފެށިތާ ތިން މަސްދުވަސް ނުވަނީސް ބަސްތާތައް ހަލާކުވެފައިވާއިރު އެމަސައްކަތް ހުއްޓުމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއާއި ބައްދަލުކުރި ކަމަށާއި ސަރުކާރުން އެދުނު ގޮތަށް ބަސްތާތައް ޖަހަން އެއްބަސްވެ، އެގޮތަށް ކައުންސިލުން އެއްބަސްވެފައިވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ.
އަދި އެންވަޔަރަމަންޓަ މިނިސްޓަރ ތޯރިގް ވިދާޅުވީ ކައުންސިލުން ބައްދަލުކުރިތާ 15 ދުވަސް ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމާށާއި އެހެން ނަމަވެސް 15 ދުވަސް ފަހުން އެމަސައްކަތް ކުރަން ބޭނުންކުރި މެޝިނަރީސްތައް އެރަށުން ވަނީ ބާލާފައި ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ހުއްޓުނު ގޮތަށް މިއަދާއި ހަމައަށް އައި އިރު 11 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ މަަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ.
މިމަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކައުންސިލުންކުރި ނަމަވެސް މަސައްކަތް ހުއްޓިފައިވަނީ ސަރުކާރުގެ އިހުމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެސަރަހައްދަކީ އެރަށު މީހުން އާމްދަނީ ހޯދުމަށް ކުރާ އެއް މަސައްކަތް ކަމަށްވާ އޮޑި ދޯނި ފަހަރުގެ މަސައްކަތަކާއި ސިނާއީ މަސައްކަތް ކުރަމުންދާ ސަރަހައްދެކެވެ. އެހެންކަމުން އެސަރަހައްދު ގިރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ލިބެމުން ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.