ކުޑަކުދިންގެ އަޚުލާގާއި ގުޅުން ހުރި މައްސަލަތައް އޮގަސްޓް މަހު ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މިންވަރު އޭގެކުރީ ޖުލައި މަހާ އަޅާބަލާއިރު އިތުރު ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ނިމިގެންދިޔަ އޮގަސްޓް މަހު އެ މިނިސްޓްރީއަށް ކުޑަކުދިންގެ އަޚުލާގާއި ގުޅުން ހުރި 9 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ކުރީ ޖުލައި މަހު ހުށަހަޅާފައިވަނީ އެފަދަ 3 މައްސަލައެކެވެ.
މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން އެކިބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 4 މައްސަލައެއް އޮގަސްޓް މަހު ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ވައްކަން ކުރުމާއި ގުޅޭ މައްސަލައަކާއި މާރާމާރީ ހިންގުމުގެ މައްސަލަ އެއް ހިމެނެއެވެ. ޖުލައި މަހު ވަނީ އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 3 މައްސަލައެއް ހުށަހަޅާފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 28 މައްސަލަ އޯގަސްޓު މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާ ކުރުމުގެ 10 މައްސަލައެވެ.
މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ 3 މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއް އޮގަސްޓް މަހު ވަނީ ހުށަހަޅާފައެވެ. އަދި މާލީ/ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
ޢާއިލީ 16 މައްސަލަ އޯގަސްޓު މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ އޯގަސްޓު މަހު ވަނީ ހުށަހަޅާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމު ކުރުމުގެ 2 މައްސަލަ އޯގަސްޓު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އައިޑީ ކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ 1 މައްސަލަ އަކާއި ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ ހިމެނެއެވެ.
ޖުލައި މަހު ވެސް އެފަދަ 2 މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ.