ކޮޅުފުށީގައި މަގު ބައްތި ޖެހިގެން ދިއުމަކީ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަޤީގަތަކަށް ވެގެން ދިއުން ފަދަ ކަމެއް ކަމަށާއި އަތޮޅުތެރެއަށް ސަމާލުކަން ނުދިން ބަޔަކަށް މިހާރު އަތޮޅުތެރެއަށް އަންނަ ތަރައްޤީ ފަހުމު ނުވާނެ ކަމަށް ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް ހިންގި މި މަޝްރޫޢުއަކީ ކުޑަކަމެއްގެ ގޮތުގައި ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދިއުމާއި ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ މިހާރު އޮތް ކައުންސިލްގެ ދައުރު ފެށުނު އިރު ރަައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވިއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރި އެއް ކަމަކީ މަގުބައްތި ޖެހުން ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ވެގެން ދިއުން އެއީ ކުޑަކަމެއްގެ ގޮތުގައި އިދިކޮޅުން ވާހަކަދެއްކި ނަމަވެސް އެއީ ކުޑަކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން އެދޭކަމެއް ރައްޔިތުންނަށް މުހިއްމު ކަމެއް ބިރުވެރިކަމުން ސަލާމަތްވާން. ރޭގަނޑު ގަޑީގައި ވެސް ބޭރަށް ނުކުމެ އުޅޭއިރު މަގުތައް އަމާނަތަނަކަށްވާން.ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް
ރަށުގައި މަގުބައްތި ޖެހުމަށް ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުން ފެށިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ޝާމިލް ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އެދެވޭ އެއްވެސް ނަތީޖާއެއް ނުލިބުމުނެވެ. ބައެއް ކައުންސިލްތަކުން އިސްނަގައިގެން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރުމުން ކައުންސިލަށް ފިޔަވަޅު އަޅާ ސަސްޕެންޑް ކުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑުފުނޑުކޮށްލާ ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައުމާއެކު ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ވެގެން ގޮސްފައިވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައުމާއި އެކު ކައުންސިލުން އެންމެ ފަހަރަކު އިންޑިއަން ހައިކޮމިޝަން އަދި ރައީސް އާ ބައްދަލުކޮށް ހިއްސާކުރުމުން އެކަން ހަޤީގަތަކަށްވެފައި މިވަނީކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް
އާބާދީގައި 1400 އެއްހާ މީހުން ދިރިއުޅޭ ކޮޅުފުށީގައި ހިންގާފައިވާ މަގުބައްތި ޖެހުމުގެ 1.5 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢަކީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.
ޝާމިލް ވިދާޅުވީ ކައުންސިލުން މަޝްރޫޢުތައް ހިންގަމުން ގެންދަނީ 5-6 ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކަމަށާއި އެހެންކަމުން މިއީ ކުޑަ މަޝްރޫޢުއެކޭ ނުދެންނެވޭނެ ކަމަށެވެ.