ދެ ފެކްޝަނަކަށް ބެހިފައިވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން އެޕާޓީގެ ރައީސް، ރައީސް މައުމޫން ފެކްޝަނަށް ބަދަލުވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ޕީޕީއެމުން ވަކިކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ސައުދު އެޕާޓީން ވަކިކުރައްވަން ނިންމީ ހޯމަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެންބަރުންގެ އިއްތިފާގުންނެވެ.
ޕާޓީން ވަކިކުރިކަން އަންގައި ސައުދުއަށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާއެކު މަސައްކަތް ކުރައްވަމުން ގެންދާކަމީ ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފު ކަމެއް ކަމަށާއި، ޕާޓީގެ ފިކުރާއި ހިލާފަށް ފާޓީއާއި އަދި ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތަކަށް ސޯޝަލް މީޑިއާގައި އާއި އަދި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދަވާކަން ސައުދުގެ ފަރާތުން ފާހަގަ ކުރެވިފައި ވާކަމަށެވެ.
ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލި ބެލުމުން، ހުށަހެޅިފައިވާ މައްސަލައަށާއި ޕާޓީގެ އަސާސީ ޤަވާއިދާއި ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ސައުދު ޕީޕީއެމްއިން ވަކިކުރިއިރު އިދިކޮޅުފަރާތްތަކާއި ސައުދުވަނީ މީގެ ކުރިން ގުޅިވަޑައިގަންނަވާފައެވެ. ސައުދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމާއި އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގުރޫޕުންވެސް ސައުދުވަނީ ބޭރުކޮށްފައެވެ.
ސައުދު ވަކިކޮށްފައި މިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްއަކީ ރައީސްމައުމޫނު ކަމަށް ވިދާޅުވެ ރައީސް މައުމޫނާއެކު ކުރިއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ.
އިދިކޮޅު ފަރާތްތަކާ ގުޅުމާއެކު ސައުދާ އާއިލީގޮތުން ގާތް ބައެއް ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމަތްކުންވެސް ވަކިކޮށްފައެވެ.