ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި އެކު ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ނައިބް ރައީސް ފައިސަލް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނައިބް ރައީސް ފައިސަލް ވަނީ ސިވިލް ސަރވިސް ގައި ހުރި ހައްލުހޯދަން ޖެހޭ ކަންކަމަށް ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ބާކީ ނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ނައިބް ރައީސް ފައިސަލްއާ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ސިވިލސް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލު ވެސް ހިއްސާ ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.