ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) ގެ ބަންދުގައި ތިބޭ މީހުން އުފުލުމަށް ބޭނުންކުރާ ވެހިކަލްތައް ހަލާކުވުމާއި ގުޅިގެން ކޯޓްތަކުގެ ޝަރީއަތްތަކަށް ބުރޫއަރަން ފަށައިފި އެވެ.
ކަރެކްޝަނުގެ ބަންދުގައި ބައިތިއްބާ މީހުން ކޯޓުތަކާއި ހޮސްޕިޓާ އަދި އެހެނިހެން ތަންތަނަށް ގެންދިއުމަށް ބޭނުންކުރަމުންދިޔަ ވެހިކަލްތައް ގްރައުންޑްވުމާއި ގުޅިގެން އެތަނުގައި މުވައްޒަފުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރު، މާލޭގެ ހުރިހާ ތަނަކަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުން އުފުލުމަށް ކަރެކްޝަނުގައި އޮތީ އެންމެ ވެހިކަލެކެވެ.
ދުވާލެއްގެ މައްޗަށް އެތައް ގައިދީންނަކާއި ބަންދުގައި ތިބޭ މީހުންނެއް ކޯޓްތަކަށާއި، ހޮސްޕިޓަލަށް ގެންދަންޖެހޭއިރު، އެންމެ ވެހިކަލެއް އޮތުމުގެ ސަބަބުން އެ ހުރިހާ ކަމަކަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
ހަމައެކަނި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް، ކަރެކްޝަނުގައި ބެލުމުގެ ދަށުގައި ތިބޭ އެތައް ބަޔަކު ހާޒިރުކޮށްދޭން ޖެހޭއިރު، ޝަރީއަތް ތާވަލުކޮށްފައި އޮންނަ ގަޑިއަށް މީހުން ހާޒިރުކުރުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ޝަރީއަތް ތާވަލުކުރާ ގަޑިއަށް މީހުން ހާޒިރުކޮށްނުދެވޭތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ދަނީ ބުރޫއަރަމުންނެވެ. އެގޮތުން ހޯމަ ދުވަހުގެ 11:30 އަށް ތާވަލުކޮށްފައި އޮތް ޝަރީއަތަކަށް ދައުވާ ލިބޭ ތިން މީހުން 12:10 ވީއިރު ވެސް ކަރެކްޝަނަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. އެހެންކަމުން އެންމެ ފަހުން ގާޒީއަށް ޖެހިވަޑައިގަތީ މައްސަލަ 1:00 އަށް ލަސްކުރައްވާށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ކަރެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ ވެހިކަލްތައް މަދުވުމުން އެކަމުގެ ދަތިތަކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، އިތުރު ވެހިކަލްތަކެއް ގެނެއުމަށް އޯޑަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ވެހިކަލްތަކުގެ މައްސަލަ ދިމާވެފައިވާއިރު، މިވަރުގެ ލަސްކަމެއް އައުމަކީ އެއްވެސް ފަރާތަކަށް ބަލައިގަންނަން ފަސޭހަވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހިކަލް ގެނެއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ވެހިކަލްތައް ގެނެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މާލޭގައި ގައިދީން އުފުލުމަށް ދެ ވެހިކަލް އޮންނާނެ ކަމަށާއި ނަމަވެސް އެތަނުން އެއް ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.