ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 13:39
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދަށް ވަނީ ތުހުމަތު ތަކެއް ކޮށްފައި
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދަށް ވަނީ ތުހުމަތު ތަކެއް ކޮށްފައި
އަމަން ހަލީމް
ޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯޓް
ޓޫރިޒަމްގެ އޮޑިޓާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަމުން ދަނިކޮށް، އަމިއްލަ ފަރާތަކުން އިތުރު މައްސަލަތަކެއް!
މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ 8 މައްސަލައެއް އޭސީސީން ތަހުޤީޤު ކުރަން ފަށާފައިވޭ
އަމިއްލަ ފަރާތަކުން ވަނީ އަލީ ވަހީދަށާއި މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުތަކެއް ކޮށްފައި
މިނިސްޓްރީގެ އޯޑިޓް ރިޕޯޓް އިތުރަށް ތަހުޤީޤު ކުރަން އޭސީސީއަށް ރައީސް ހުށައެޅުއްވި

ޓޫރިޒަމް މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން މިދިޔަ އޯގަސްޓު މަހު ނެރުނު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަތަކެއް ތަހުޤީޤު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ 8 މައްސަލައެއް އޭސީސީން ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުޤީޤު ކުރިއަށް ދަނިކޮށް މިހިނގާ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އޮޑިޓް ރިޕޯޓާ ގުޅޭ އިތުރު މައްސަލަތަކެއް އޭސީސީއަށް ހުށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ހުރިހާ މައްސަލައެއް ވެސް އޭސީސީން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހަޅާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށާއި މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުތަކެއްކޮށް ކަމަށް "ސަން" ގައި ރިޕޯޓް ކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން އޯގަސްޓް މަހު ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ޓުއަރިޒަމް ޓްރަސްޓް ފަންޑުން ހަރަދު ކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން 14 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން މި އޮޑިޓް ރިޕޯޓުން ހާމަވެއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އާންމުކޮށްފައިވާ އިރު، އެ މިނިސްޓްރީ އިން އެ މުއްދަތުގައި ކުރި ހަރަދުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވަނީ ފާހަގަ ކުރައްވާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ އޭރު ޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯޓް އިތުރަށް ތަހުޤީޤު ކުރަން އޭސީސީ އަށް ރައީސް ވަނީ ހުށައަޅުއްވާފައެވެ.

- ކޮމެންޓް