މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޫސްވެރިކަމުގެ އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ބުރާސްފަތި ދުވަހު އެމްއެމްސީން ކުރި އިއުލާނެއްގައެވެ. އެގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އިނާމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.
އޭގެ އިތުރުން، 11 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މުޅިން އާ ދާއިރާއެއްގެ ގޮތުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ހިމެނިފައިވެއެވެ.
އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާ ދާއިރާތައް
- ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
- އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން
- ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ
- ސިޔާސީ
- ޝަރުއީ އަދި ޤާނޫނީ
- ވިޔަފާރިއާއި އިޤުތިޞާދު
- ކުޅިވަރު
- ފޮޓޯ ޖާރނަލިޒަމް
- ވީޑިއޯ ޖާރނަލިޒަމް
- ފީޗަރ / ރިޕޯޓް
- (ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު
އެމްއެމްސީން ބުނީ، މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށެވެ. އެގޮތުން އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ހުށައެޅުމަށް އެދިފައިވާއިރު، މި މުއްދަތު އިތުރު ނުކުރެވޭނެކަމަށް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.