މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހިމް ޝުޖާއުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފިއެވެ.
ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ބުނީ، 2014 ވަނަ އަހަރުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުންނަވައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، މާލޭ ޕްލޭނިންގ ގަވާއިދުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އުސްކޮށް ގެއެއް ޢިމާރާތްކުރުމަށް ހުއްދަދިން މައްސަލާގައި ޝުޖާއުގެ މައްޗަށް ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އޭސީސީން ތަހުޤީޤުކޮށް، ދައުވާ ކޮށްދިނުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުއެވެ.
އެކަމާ ގުޅޭގޮތުން ބުދަ ދުވަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ސިޓީގައި އިމާރަތް ކުރަން ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓު ކަމަށާއި، އެ ބިމުގައި ޕްލޭނިންގ ޤަވާއިދާ އެއްގޮތަށް އިމާރަތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށެވެ. ނަމަވެސް އެ ބިމުގައި ޕްލޭނިންގ ޤަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރަތް ކުރުމުގެ ހުއްދަދީ، 15 ޖެނުއަރީ 2014 ގައި ސިޓީ ކައުންސިލުން އެ ހުއްދަ ދޫކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ. އަދި އެ ހުއްދަތަކުގައި ސޮއި ކުރައްވާފައިވަނީ ޝުޖާއުކަން ވެސް އޭސީސީން ފާހަގަ ކޮށްފައިވެއެވެ.
އޭސީސީގެ ބަޔާނުގައި އިތުރަށް ބުނީ، މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް" މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށެވެ.
އެހެންނަމަވެސް، އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާކަމާއި، އެލިޔުމަކީ، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަޙްޤީޤަށް އެނގޭކަމަށް އޭސީސީން މައުލޫމާތު ދެއެވެ.