ކޮވިޑް-19 އަށް ސަރުކާރުން ކުރަމުން އަންނަ ހަރަދުގެ 91.5 އިންސައްތަ މިހާތަނަށް ހިއްސާކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އަދި ހެލްތު މިނިސްޓްރީ އިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް އިން އާންމުކުރާ ވީކްލީ ކޮވިޑް-19 ސްޕެންޑިން ދައްކާ ގޮތުން، ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ 1.21 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން އެންޑީއެމްއޭ މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައިވާ އިރު، އެއިދާރާއިން އެކަނިވެސް 771.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅިގެން 70.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 180.8 މިލިއަން ރުފިޔާއެވެ.
ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީ އިން ވަނީ 37.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފޮރިން މިނިސްޓްރީ އިން 6.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޖެންޑަރ މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ ތިން މިލިއަން ރުފިޔާއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އިން 3.1 މިލިއަން ރުފިޔާއެވެ.
އެމްއެންޑީއެފް އިން 15.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން ހަރަދުކޮށްފައި ވަނީ 2.3 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިން ހަތަރު ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.
މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ހަރަދުކޮށްފައި ވަނީ 28.2 މިލިއަން ރުފިާއެވެ.