ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 21:16
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދުއާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދުއާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ރާއްޖެއެމްވީ
އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބަދަލު ކުރުން
އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމުގައި ސައީދުގެ އިތުރުން މުނައްވަރުގެ ބައިވެރިވުން؟
ޔާމީން ސަރުކާރުގައި މި މައްސަލަ ކޯޓަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލި
ދިވެހި ހިއްސާދާރުން ސަރުކާރުގެ އެކި ތަންތަނަށް މައްސަލަ ހުށަހަޅައިގެންވެސް ވީ ކަމެއް ނެތް
ހިއްސާ ބަދަލު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވޭ

ނ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ ހިއްސާ އެ ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި އެހެން ފަރާތަކަށް ބަދަލު ކުރުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތަކެއް ކުރެވިއްޖެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ %10 ހިއްސާއަކާއި، ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ %90 ހިއްސާ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުން ރިޒްވުޑް ހޮޓެލް އެންޑް ސުއިޓްސް އިން އޭރު ގެންދިޔައީ ނ ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް، ކުއްލި ގޮތަކަށް ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި، 90% ހިއްސާ ބޭރުގެ ބައެއްގެ މައްޗަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެ ބަދަލުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ވަނީ ރަޖިސްޓަރ ކޮށްފައެވެ.

ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރުން އެކަން ހިނގައި ދިޔަގޮތް ސަރުކާރުގެ ތެރެއިން ސާފު ކުރުމަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާކަން ރާއްޖެއެމްވީއަށް އެނގިފައިވެއެވެ. އެހެންނަމަވެސް، ސަރުކާރު ބަދަލުވިއިރުވެސް އެކަން ހިނގާފައިވާ ގޮތް ހިއްސާދާރުންނަށް ސާފުކޮށްދީފައެއް ނުވެއެވެ. މި މައްސަލައިގައި ނާޖާއިޒް މަންފާއެއް ހޯދުމުގެ ގޮތުން އެކަމުގެ ތެރޭގައި ކުރީގެ ސަރުކާރުގެ ވެރިން އެތައް ގޯހެއް ހަދާފައިވާކަން ރާއްޖެއެމްވީން ބެލި ބެލުމުން ފާހަގަ ކުރެވުނެވެ.

ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި މި ކަމުގައި އެ ކުންފުނީގެ ހިއްސާ ބަދަލުކޮށް އިކޮނޮމިކް މިނިސްޓްރީ ތެރެއިން އެކަންކޮށް ނިންމާލީ އޭރުގެ މިނިސްޓަރ ސައީދުގެ އެންގުމަށްކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދީފައިވެއެވެ.

އެކަމާގުޅޭ އިތުރު ތަފްސީލު ހިއްސާ ކުރައްވަމުން އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހިއްސާ ބަދަލުކުރުމުގެ މުއާމަލާތްތަކުގައި އެތައް ގޯހެއް ހަދާފައިވާއިރު، ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ މައްޗަށްވެސް މިކަމުގައި ގޯސްހަދާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. އެގޮތުން ހިއްސާ ބަދަލުކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ ނިންމާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށްކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ.

މި މުއާމަލާތްތަކުގައި ހިއްސާ ބަދަލު ކުރުމުގެ އިއުތިރާޒެއް ނެތްކަން ބަޔާންކޮ ފިނޭންސް މިނިސްޓަރ މުނައްވަރު ސޮއި ކުރައްވާފައިވާ ސިޓީގެ ކޮޕީ ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

ޝެއަރ ޓްރާންސްފަރ ކުރާއިރު ހުއްދަ ހޯދަންޖެހޭނީ ޓްރޭޑް މިނިސްޓްރީން، ނަމަވެސް މި ކުންފުންޏަކީ ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏެއް ވީމާ ފިނޭންސް މިނިސްޓްރީން މިއޮތީ ހުއްދަ ދީފައި ޝެއަރ ޓްރާންސްފަރ ކުރަން، ނަމަވެސް ފިނޭންސް މިނިސްޓްރީން ހުއްދަ ދޭއިރު، ޓޫރިޒަމް މިނިސްޓްރީގެ ހުއްދައެއް އޮންނަން ޖެހޭނެ އެކަމަށް އިއުތިރާޒެއް ނެތް ކަމަށް، އެއީ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓެއް އޮންނާނެ ޓޫރިސްޓް ކުންފުންޏެއްވީމާ، ނަމަވެސް ލިއެކިއުންތަކުގައި ނެތް ޓޫރިޒަމް މިނިސްޓްރީގެ ބަހެއް، ފިނޭންސުން ހުއްދަ ދިނީމަ ޓްރޭޑުން ހުއްދަ ދީފައި މިއޮތީ ޝެއަރ ޓްރާންސްފަރ ކުރަން،
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއް

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ނ ކުރެދިވަރުގެ ހެޑްލީސް ރައިޓް ލިބިފައިވާ އަދި އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް މި ދެންނެވި ހިއްސާ ބޭރުގެ ފަރާތްތަކަށް ބަދަލު ކޮށްފައިވާއިރު، ހިއްސާގެ މޫނުމަތީ އަގު (ފޭސް ވެލިއު) އެއް މިލިއަން ރުފިޔާއަށްވުރެވެސް ގިނައެވެ.

މި މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު، މިހިނގާ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަޑުއެހުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، ޔާމީން ސަރުކާރުގައި މި މައްސަލަ ކޯޓަށްވެސް ހުށައެޅުނު ކަމަށެވެ. އެހެން ނަމަވެސް، ކޯޓުންވެސް އޭރު ވަނީ މި މައްސަލަ ނުބަލައި ބޭރުކޮށްލާފައެވެ. އޭގެ އިތުރުންވެސް މައްސަލަ ސަރުކާރުގެ އެކި ފަރާތްތަކަށް ހުށަހަަޅައިގެންވެސް ހިއްސާދާރުންނަށް ވީނުވީއެއް އެނގޭނެ ގޮތެއް އޭރު ނުވި ކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ނޮވެންބަރ 2020 | ބުރާސްފަތި 14:45
ޢާދު
ތިޔަ އިތު ބާރު ހުރި މަސްދަރަކީ ވަރޗުއަލް އެކްޓަރ އެއްތަ؟
11 ސެޕްޓެންބަރ 2020 | ހުކުރު 13:13
އޭނާ
ކިޔާއެއްޗެއް ސާފެއް ނުވި