Advertisement
ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 04:26
މުހައްމަދު ވިސާމް - ވިސާމްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރުމަށް ވަނީ ނިންމާފައި
މުހައްމަދު ވިސާމް - ވިސާމްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރުމަށް ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
ވިސާމްގެ މައްސަލަ އިސްތިއުނާފް
ވިސާމްގެ މައްސަލަ އިސްތިއުނާފުކުރައްވަން ނިންމެވި ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް: ރާއްޖެޓީވީ
އިސްތިއުނާފުކުރަން ނިންމުމަކީ، ނޫސްވެރިން ބިރުގެންނެވުމަށް ނިންމެވި ނިންމެވުމެއް
މިނިވަން ނޫސްވެރިކަމަށް ފުރައްސާރަ ކުރެއްވުން ހުއްޓަވާލެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ވަނީ ގޮވާލައިފަ
އިސްތިއުނާފް ކުރުމުގެ ހައްގު ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުން ކުރައްވަނީ އިންސާފުވެރިކަމާ ހަމަހަމަ ކަމާ އެކުގައި ކަމާ މެދު ސުވާލު އުފެދޭ

ރާއްޖެޓީވީގެ މުޙައްމަދު ވިސާމްގެ މައްސަލަ އިސްތިއުނާފް ކުރައްވަން ނިންމެވި ނިންމެވުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ލަދުވެތި ނިންމެވުމެއްކަމަށާއި، އެ މައްސަލަ މިހާރުން މިހާރަށް އަނބުރާ ނެންގެވުމަށް ރާއްޖެޓީވީން ޕްރޮސިކިއުޓަރ ޖެނެރަލަށް ގޮވާލައިފި އެވެ.

 

ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން ރާއްޖެޓީވީން އާންމުކުރި ބަޔާނެއްގައި ބުނީ، ހުކުމް، އިސްތިއުނާފު ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫން ކަމަށެވެ. އަދި އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ލަދުވެތި ނިންމެވުމެކަމަށާއި، އެ ނިންމުމަކީ، ނޫސްވެރިން ބިރުގެންނެވުމަށް ނިންމެވި ނިންމެވުމެއްކަމަށް ބުނެފައިވެއެވެ.

 

ރާއްޖެޓީވީން ވަނީ، އެކަން އެގޮތަށް އޮތްއިރު، މައްސަލަ އަނބުރާ ނަންގަވާ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފުރައްސާރަ ކުރެއްވުން ހުއްޓަވާލެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލަސް ގޮވާލައިފަ އެވެ.

 

ރާއްޖެޓީވީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވިސާމުގެ މައްސަލަ އިސްތިއުނާފު ކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވިއިރު، ދައުލަތައް ލިބިގެންވާ އިސްތިއުނާފް ކުރުމުގެ ހައްގު ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުން ކުރައްވަނީ އިންސާފުވެރިކަމާ ހަމަހަމަ ކަމާ އެކުގައި ކަމާ މެދު ސުވާލު އުފެދޭކަމަށެވެ. އަދި ވައްކަމާއި، މަސްތުވާ ތަކެއްޗާއި، މާރާމާރީ ފަދަ ބޮޑެތި ނުރައްކާތެރި ބައެއް މައްސަލަތައް އިސްތިއުނާފު ކުރުމުގެ މަރުހަލާއަށް ނުގެންދަވާ ބޭއްވެވުމަށްފަހު، ވިސާމުގެ މައްޗަށް ތުހުމަތު ކުރެވުނީ މުޒާހަރާއެއް ކަވަރު ކުރުމަށް ސީން ގައި ހުރި ނޫސްވެރިއެއްގެ ހައްސިއްޔަތުން މަަސައްކަތް ކުރަމުން ދަނިކޮށް ފުލުހުން އެންގި އެންގުމަކަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތު ކަމަށް ވެފައި، އެކަން ސާބިތު ނުވުމުން އަނެއްކާ އެ މައްސަލަ އިސްތިއުނާފު ކުރެއްވުމުން ދޭހަވަނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވިޔަސް ނޫސްވެރިންނަށް އަދަބު ދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންފުޅުވާ މިންވަރުކަަށް ރާއްޖެޓީވީން ބުންޏެވެ.

 

ރާއްޖެޓީވީން ވަނީ ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް، ތަހްގީގުކޮށް، ޝަރީއަތްކޮށް ހުކުމްވެސް ކޮށްފައިވާ އަދި އެކި މަރުހަލާތަކުގައިވާ އެހެން މައްސަލަތަކީ އެއްވެސް އަސްލެއް ނެތް މައްސަލަތަކެއްކަމަށް ބުނާބުނުން ތަކުރާރުކޮށްފަ އެވެ. އަދި އެ މައްސަލަތަކަކީ، ރައްޔިތުންނަށް މައުލޫމާތާއި ހަބަރު ގެނެސްދިނުމާއި، ދައުލަތުގެ އެކި ފަށަލަތައް ޖަބުދާރީ ކުރުވުމަށްޓަކައި، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅައި، ނޫސްވެރިންނަށް ބިރު ދައްކައި، ބިރުވެރިކަން އުފެއްދުމަށްޓަކައި، އުފައްދާފައިވާ މައްސަލަތަކެއްމަށް ސްޓޭޝަނުން ބުންޏެވެ.

 

ރާއްޖެޓީވީން ބުނީ، ޝަރުއީ މަރުހަލާތަކުގައި ދެ އަހަރު އޮތުމަށް ފަހު ވިސާމުގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާކަމަށް ކޯޓުން ކަނޑައެޅުމަކީ، ވިސާމަށް ނުހައްގު ބޮޑެތި އަނިޔާތަކެއް ލިބިގެން ދިޔަކަން ސާބިތުވި ކަމެއް ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް ރާއްޖެޓީވީގެ ވިސާމުގެ މައްޗަށް ދައުވާ ކުރައްވަން ނިންމެވި ދަނޑިވަޅަކީ، ބްރޮޑްކާސްޓިންގ ކޮމިޝަނުން ފުލުފުލުގައި ރާއްޖެޓީވީ ބޮޑު ދެ ޖުރިމަނާ ކޮށް އޭގެ ތެރެއިން ފަހުން ކުރި އެއްމިލިއަން ރުފިޔާގެ ޖުރިމަނާ ފައިސާ ހަމަޖެހޭތޯ ސްޓޭޝަންގެ މުވައްޒަފުން އެކި ފަރާތްތަކުގެ ކައިރިއަށް ގޮސް ސަލާން ޖަހަމުންދާ ދަނޑިވަޅެއްކަމަށް ރާއްޖެޓީވީން ބުނެ އެވެ.

 

ރާއްޖެޓީވީން ބުނީ، ފުލުފުލުގައި ދައުލަތުގެ މުއައްސަސާތަކުން ރާއްޖެޓީވީއަށް އެކި އެކި އަނިޔާ ކުރަމުން ދިޔަނަމެވެސް ސްޓޭންޝަން ބަންދު ކުރުމާ ހަމައަށްވެސް ރާއްޖެޓީވީއާއި ސްޓޭޝަންގެ ނޫސްވެރިން މަސައްކަތް ކުރަމުންދާނީ މިނިވަން މީޑިއާގެ ދިފާއުގައިކަމަށެވެ. އަދި ރައްޔިތުންނަށް ޚިޔާލުފާޅު ކުރުމުގެ ހައްގުތައް ހޯދައި ދިނުމަށާއި، ޑިމޮކްރަސީގެ ސިފަތައް ރާއްޖޭގައި ކުރިއެރުވުމާއި، އިސްލާހީ މަސައްކަތްތަކައް މަދަދު ވެރިވުމަށް ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް