ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ގދ. ހޯނޑެއްދޫން އަލާމާތްތައް ހުރި 60 މީހަކު ފެނިފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ 3 ސެޕްޓެމްބަރުގައި އެރަށުން ފުރަބަންދާއި ގުޅިގެން ކޮވިޑްގެ 4 ކޭސްއެއް ފެނިފައިވާ އިރު، ޖެހިގެން އައި 4 ވަނަ ދުވަހު 2 ކޭސް ފެނުނު ކަމަށެވެ. އަދި 5 ސެޕްޓެމްބަރުގައި އިތުރު 19 ކޭސް ފެނިފައިވާ އިރު މި 19 ކޭސް ގުޅިފައިވަނީ 4 ގެއަކާއި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް 21 މީހުންގެ 111 ކޮންޓެކްޓުން ފެނިފައިވާ ކަމަށާއި، މީގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުރި 60 ފަރާތެއް ހިމެނޭ ކަމަށެވެ. އަދި އުމުރުން 55 އަހަރުން މަތީގެ 6 ފަރާތެއް އަދި 1 އަހަރުން ދަށުގެ 2 ކުދިން ހިމެނޭ ކަމަށެވެ.
މިކަމާއި ގުޅިގެން ކުރިންރޭ ވެސް ދަންނަވާލިހެން އަޅުގަނޑުމެން މިވަނީ ފިޔަވަޅުތަކެއް އަޅާފައި. ހޯނޑެއްދޫއާއި މަޑަވެއްޔަކީ ކޯސްވޭއަކުން ގުޅިފައި އަދި އެއްރަށާއި އަނެއް ރަށް ވަރަށްބޮޑަށް ގުޅިފައިވާ ދެ ރަށަކަށްވާތީ އެ ދެރަށުގެ ޓާސްކްފޯސްއާއެކު އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އަދި މި މަސައްކަތުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓީމަކުން ވެސް މިދަނީ ދެ ރަށަށް ވަޑައިގެން އެ ދެ ރަށުގައި އަމަލީ މަސައްކަތްތަކެއް ކުރަމުން،އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ހޯނޑެއްދޫއަށް ބަލި ދިޔަގޮތް ދެނަގަތުމަށްޓަކައި ތަހުގީގެއް އަންނަނީ ކުރަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ރަށަށް ބަލިދިޔައީ ކިހިނެއްކަން އެނގޭނީ ތަހުގީގަށްފަހު ކަމަށާއި، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ކްލޯސް ކޮންޓެކްޓްސް ހޯދާ އެމީހުން ކަރަންޓީން ކުރެވިފައިވާ ކަމަށާއި، އެ ކޮންޓެކްޓުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެ ރަށުގައި ވެސް ހޮޓްލައިން ގާއިމްކޮށް ހެލްތް ސެންޓަރުގައި ޓްރައޭޖެއް ގާއިމްކޮށް ބަލީގެ އަލާމަތް ހުރި އެއްވެސް މީހަކު ސިއްހީ ހިދުމަތް ހޯދަން ގޮސްފިއްޔާ ވަކިން ހިދުމަތް ދެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް ޑރ. ނަޒްލަ ވިދާޅުވިއެވެ.