ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބީ މަރުކަޒު ކަމުގައިވާ ބައު ޖަމާލުއްދީން ގައި ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ނިއަލަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަ ކަމުގައިވާ ނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދައިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮއްފައިވާ ސިޓީއަކާ އެކު ކެންޑީޑޭޓުންގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން އެޕާޓީއަކުން އައްޔަނުކުރާ ފަރާތެއް ސޮއިކުރަން އަންނަ ނަމަ އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ޖެނުއަރީ 14 ވަނަ ދުވަސް ކަނޑައެޅި ނަމަވެސް އެފަހަރު ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް ކަމަށް ބުނެފަ އެވެ.
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.