ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފިއެވެ.
ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ 'ކެލާ ސްކޫލް ފިނި ޕާކް' އެވެ.
ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި މިވަނީ ބެލެނިވެރިން އިށީނދެގެން ތިބުމަށް ބެންޗުތަކެއް ބަހައްޓާފައެވެ. އަދި ހަމައެހެންމެ ސްކޫލަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކު ކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދުވަނީ ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކު ކުރެވޭނެ ގޮތް ވެސް ހަމަޖައްސާފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 9 ސެޕްޓެމްބަރ 2020 އާ ހަމަޔަށް މިވަނީ ހުޅުވާލެވިފައެވެ. މި ފިޔަވަހީގެ ދަށުން 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ބޭންލް އޮފް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ.