އައިސް ވިއްކައިގެން ލިބޭ ފައިސާ ކ.ދިއްފުށި ކައުންސިލުގެ އިދާރާއަށް ގަވާއިދުން ލިބެމުން ނުދިޔަ ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ ކައުންސިލްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ދިއްފުށީ ކައުންސިލް އިދަރާގެ 2018 ވަނަ އަހަރުގެ މާލި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލުގެ އިދާރާ އާއި އަމިއްލަ ފަރާތަކާ ދެމެދު ވެފައިވާ "ބަނދަރު ބަލަހައްޓާ ދިނުމާއި ބެހޭ އެއްބަސްވުން" ގެ 3.10 ވަނަ މާއްދާގައި ކައުންސިލުގެ އިދާރާ އިން ދޭން ކަނޑައަޅާފައިވާ ޚިދުމަތެއްގެ ގޮތުގައި ކައުންސިލުގެ އިދާރާ އިން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތްތައް، (އައިސް އަދި ފެން ފަދަ ޚިދުމަތްތައް)، މަސައްކަތާއި ހަވާލުވާ ފަރާތުން ފޯރުކޮށްދޭންވާނެ ކަމަށާއި، އެކަންތައްތަކަށް ލިބޭ ފައިސާ ބަލައިގަނެ ކައުންސިލުގެ އިދާރާއާއި ހަވާލުކުރަން ވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އައިސް ވިއްކައިގެން ލިބޭ ފައިސާ ގަވާއިދުން ކައުންސިލުގެ އިދާރާއަށް ފޮނުވަމުން ނުގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އައިސް ޕްލާންޓްގެ ޢިމާރާތުގައި ފައިސާ ރައްކާ ކުރެވޭނެ ގޮތެއް ނެތްކަމާއި، ބައެއް ފަހަރު އައިސް ޕްލާންޓް ބަލަހައްޓާ ފަރާތުން ކައުންސިލުގެ އިދާރާއަށް ފައިސާ ފޮނުވަން އެކެއް ނުވަތަ ދެ ހަފުތާއަށްވުރެ ވުރެ ގިނަދުވަސް ހޭދަވާ ކަމަށެވެ. މީގެ އިތުރުން އެ ފައިސާ ގަވާއިދުން ދުވަހުން ދުވަހަށް ކައުންސިލުގެ އިދާރާއަށް ފޮނުވަމުން ނުދިޔަ ނަމަވެސް ކައުންސިލުގެ އިދާރާ އިން އެ ފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އައިސް ޕްލާންޓްގެ ޢިމާރާތުގައި ފައިސާ ރައްކާ ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ނެތި، އެ ފައިސާ ދުވަހުން ދުވަހަށް ކައުންސިލުގެ އިދާރާ އަށް ހަވާލު ނުކުރާނަމަ، ފައިސާ އަށް ވާނުވާނޭނގި ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ، ކައުންސިލުގެ އިދާރާއަށް މާލީ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ.
މިކަން އިސްލާހު ކުރުމަށް އޮޑިޓް އޮފީހުން ލަފާދިފައިވަނީ ބަނދަރު ބެލެހެއްޓުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން އައިސް ޕްލާންޓަށް ލިބޭ ފައިސާ ގަވާއިދުން ކައުންސިލުގެ އިދާރާއަށް ބަލައިތުމަށާއި، އެކަން އެގޮތަށް ނުދާނަމަ، އެއްބަސްވުމުގައިވާ ފަދައިން ފިޔަވަޅު އެޅުމަށެވެ.