Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 19:21
ގާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އޭނާ ބަންދުން ދޫކޮށްލީ މިމަހުގެ 13 ވަނަ ދުވަހު
ގާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އޭނާ ބަންދުން ދޫކޮށްލީ މިމަހުގެ 13 ވަނަ ދުވަހު
މުހައްމަދު ޝަރުހާން
ގާސިމްގެ މައްސަލަ
ގާސިމް ހައްޔަރުކުރި މައްސަލައިގައި މިދަނީ ސުވާލުކުރަމުން: އެޗްއާރުސީއެމް
އާއިލާއާއި ބައްދަލު ނުކުރެވިގެން ހުށައެޅި
ހައްޔަރުކޮށްފައިހުރި ގޮޅީގެ މައްސަލަ އެއްވެސް ހުށައެޅުނު
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަ ނުވާ މައްސަލަ ވެސް ހުށައެޅުނު

ގާނޫނާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުކޮށްފައި ވާއިރު، އެ މައްސަލައާ ގުޅިގެން ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް ސުވާލުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

 

ރައްޔިތުންހެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހްމަތުގައި އޭޕްރީލް 6 ގައި ގާސިމް ހައްޔަރުކުރުމަށް، ފަހު ހައި ކޯޓްގެ އަމުރުކުރުުމުން އޭނާ ދޫކޮށްލީ އޭޕްރީލް 13 ވަނަ ދުވަހު އެވެ.

 

އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވީ ގާސިމް އިބްރާހިމް ދޫކޮށްލި ދުވަހުގެ ކުރީ ދުވަހު ޖޭޕީގެ އިސްލީޑަރުންތަކެއް އެ ކޮމިޝަނަށް މައްސަލައެއް ހުށައެޅިކަމަށެވެ. އެ މައްސަލާގައި ބުނެފައިވަނީ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ހުރި އިރު އާއިލާއަށް ބައްދަލު ނުކުރެވޭ މައްސަލައާއި އެމަނިކުފާނު ކޮންމެހެން ކާން ޖެހޭ ބޭސްތަކެއްގެ ވާހަކަ އާއި، އަދި ހައްޔަރުކޮށްފައި ހުރި ގޮޅީގެ މައްސަލައެވެ. އެ މައްސަލަ ތަކަށް ވަގުތުން ކޮމިޝަނުން އެޓެންޑްވި ކަމަށާއި، އެ މަނިކުފާނަށް ބޭނުންވާ ބޭސް ފޯރުކޮށްދީ އާއިލާއާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިން ކަމަށް ހިސްޓޯ ވިދާޅުވިއެވެ.

 

ދޫނިދޫ ޖަލުގައި ގާސިމް ބަހައްޓާފައި ހުންނެވި ގޮޅީގައި މައްސަލަތަކެއް ހުރިކަން އެ ކޮމިޝަނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ޝިފާގު ވިދާޅުވިއެވެ. ޖަލުތަކުގައި މައްސަލަ އެބަހުރި ކަމަށާއި، އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ލަފާދީ މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ގާސިމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީ އިރު އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެންބަރަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި އަދި ހައްޔަރުކުރުމުގެ އިޖުރާއަތް ތަކާއި ޚިލާފަށް ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެފައިވާ މައްސަލައާ ގުޅިގެން ޝިފާގު ވިދާޅުވީ، އެ މައްސަލަ ވެސް ކޮމިޝަނަށް ހުށައެޅިފައި ވާތީ އެކަންވެސް ބަލަމުންދާކަމަށެވެ. އެކަމަކީ ފުލުހުންނާއި ރައްޔިތުންގެ މަޖިލިސް ފަދަ އިދާރާތައް ޝާމިލުވާ މައްސަލައެއް ކަމުން، އެ މުއައްސަސާތަކާއި ސުވާލުކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައުލޫމާތުތައް ފުރިހަމަވުމުން ނޫނީ އެއްޗެއް ބުނަން ނޭނގޭ،" ޝިފާގު ވިދާޅުވިއެވެ.

 

މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު ޒައިދުލް އަމީން ބަންދުކޮށްގެން ގެންގުޅޭ މައްސަލައާ ގުޅިގެން ޝިފާގު ވިދާޅުވީ، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދޭއިރު، އެ ތަހުގީގު ނިމެންދެން މީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރަކީ ޝަރުއީ ކޯޓަކުން ފުލުހުންގެ މައްޗަށް ކުރާ އަމުރަކަށް ވާއިރު، ކޯޓްގެ އެ ނިންމުމަށް ޗެލެންޖު ކުރުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާއަކަށް ގެންދިއުމުގެ ބާރެއް ވެސް ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ.

 

އެހެން ނަމަވެސް ޒައިދުގެ އާއިލާއިން އޭނާ ބަންދުކޮށްފައިވާ މައްސަލަ އިސްތިއުނާފުކޮށް އިސްތިއުނާފު މަރުހަލާ ލަސްވާނަމަ އެކަން އަވަސްކޮށްދިނުމަށް ކޮމިޝަނުން ކޯޓްގައި އެދެވިދާނެކަމަށެވެ.

 

ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނާ ބުނުމަށް ފުލުހުންވަނީ ކޮމެންޓް ކުރަން ދެކޮޅު ހަދައިފައެވެ.

 

މިމަހުގެ 6 ވަނަ ދުވަހު ފުލުހުން ގާސިމް އިބްރާހިމް ހައްޔަރުކުރީ، ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުކުރެވޭތިއްޔާއި، ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާ ކަމަށާއި އަދި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވިކަމުގެ ތުހުމަތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް