ރައްޔިތުންގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރަންވީ ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅުވާ ގޮތަކަށް ނޫން ކަމަށާއި އެ މެމްބަރުން މަސައްކަތް ކުރައްވަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ވިލިފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ތ.އަތޮޅުގެ ކުރީގެ މެމްބަރުކަންވެސް ގިނަ ދުވަހު ކުރައްވާފައިވާ އަފީފް ވިދާޅުވީ މަޖިލިސް މެމްބަރުން ރައީސް ޔާމިން ވިދާޅުވާ ގޮތަށް ނޫން އެހެން ގޮތަކަށް ކަންތައް ނުކުރެއްވޭ ނަމަ އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
މިސަރުކާރުގެ ގަދަ ބާރުކަމާއެކީ މިމަޖިލިސް މެމްބަރުން ބޭނުންކޮށްގެން މާލިއްޔަތު ޤާނޫނަށް ބަދަލު ގެނަސް ރައްޔިތުންނަށް މިދަނީ އެކި ތަކްލީފްތަކާއި ކުރިމަތިލަމުން ކަމަށެވެ. އެގޮތުން އަސާސީ ހިދުމަތްތަކުން މިވަނީ އަގުތައް އިންތިހާއަށް އަގުބޮޑުކޮށްފައެވެ.
ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ތިންބާރު ވަކިވެފައި އޮންނަ ތަން ދެކެން ބޭނުންވާ ކަމަށާއި އެހެންނަމަވެސް މިހާރު އެއްބާރު އަނެއް ބާރު ގުޅި ލާމެހިފައިވާތަން ފެންނަ ކަމަށް އަފީފް ވިދާޅުވި އެވެ.
މިސަރުކާރުން ކައުންސިލްތަކުގެ ބާރުތައް މިއޮތީ ނިގުޅައިގެންފައި ކަމަށާއި މިއީ ލާމަރުކަޒީ ނިޒާމަކީ ކޮބައިކަން އިނގޭ ސަރުކާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރީން ކުރާ ކޮންމެ ކަމެއް ދެތިން ފަހަރު ކުރަން އެބަޖެހޭ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކަށް ތަރައްޤީއެއް ނުގެނެސް މިސަރުކާރުން ތަރައްޤީ ގެންނަނީ މީޑިއާތަކުގައި އެކަނި ކަމަށް އަފީފް ވިދާޅުވި އެވެ،
ރާއްޖޭގެ އެއްވެސް ރަށަކަށް ތަރައްޤީ ގެންނަން މިސަރުކާރުން ބޭނުންނުވާތީ އެލްޖީއޭގެ ބާރުތައް މިވަނީ ރައީސް ޔާމިންއަށް ހަވާލުކޮށްފައި ކަމަށާއި ހެޔޮ ވެރިކަމެއް ކުރަން އިނގޭނީ ހެޔޮހިތެއް އޮވެގެން ކަމަށްވެސް އަފީފް ވިދާޅުވި އެވެ.