ތ.ވިލިފުއްޓަކީ އެމްޑީޕީއަށް ތާއީދުކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަށާއި އެހެންކަމުން މިސަރުކާރަކީ އެންމެ ބާރުގަދަ ތަނެއް ނޫން ކަން ހާމަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ވިލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުގެ ބާރުގަދަ ކަން ދައްކަމުންދަނީ މުއައްސަސާތަކަށް ބިރުހދައްކައިގެން ކަމަށާއި އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި ޤާނޫނާއި ހިލާފް ކަންތައް ކުރެއްވި އިރު ވެސް އެޗްއާރްސީއެމްއަށް އެއްޗެއް ވިދާޅުވާން ނުކެރުނު ކަމަށެވެ.
އެގޮތުން ޖުޑީޝިއަލް ސަރވިސް ކޮމިޝަން ޖޭއެސްސީއަކީ ދެއަތާއި ދެފައި ބުރިކޮށްފައި އޮތް މުއައްސަސާއެއް ކަމަށާއި، ރާއްޖޭގައި މިލިއަނުން ވައްކަން ކުރުމުންވެސް މުއައްސަސާތަކުން ތިބެނީ ވާނުވާ ނޭނގިފައި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންވެސް ބަދަލުކުރަން ޖެހޭ ކޮރަޕްޝަން ކޮމިޝަންއަށް. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއަކީ ފުލުހުންގެ އެއްވެސް މައްސަލައެއް ނުބަލާ. އަބުރެއް ނެތް މީހުންގެވެސް އަބުރުގެ ދައުވާ ކުރަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އަކީ އިންތިހާބު ބާއްވަން އުޅޭ ތަނެއް ނޫން ކަމަށާއި އަނެއްކާވެސް އިންތިހާބު ލަސްކުރަން އުޅޭ ވާހަކަ އެބަ އަޑުއިވޭ ކަމަށެވެ. ނަމަވެސް ރޮޒެއިނާގެ މިވާހަކަ އީސީން ވަނީ ދޮގުކޮށްފައެވެ.
ރޮޒެއިނާ ވިދާޅުވީ އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފިންގަރޕްރިންޓްގެ މައްސަލަ ކަމަށާއި ފިންގަރ ޕްރިންޓްގެ ހުރި ފެންވަރު ދައްކާލާނީ ވޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައް ކުރަމުންދާއިރު މަޖިލީހުގައި މައިނޯރިޓީގެ އަޑުވެސް އަހަން ޖެހޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
އެގޮތުން މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ކަމަށާއި އެކައުންސިލަރުންވެސް ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.