ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 02:26
ސަފާތު އަހުމަދު ޒާހިރު
ސަފާތު އަހުމަދު ޒާހިރު
ރާއްޖެ އެމްވީ
އިންޓަރނޭޝަން ޔޫތު ފޯރަމް
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
މިއީ ހަފްތާއަކަށް ކުރިއަށްދާ ފޯރަމްއެއް
ފޯރަމްގައި ވާހާކަދެއްކުމުގެ ފުރުސަތު ސަފާތަށް ވަނީ ލިބިފަ

އިންޓަރނޭޝަނަލް ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ފޯބްސް މެގަޒިން އިން ހޮވާ އޭޝިޔާގެ އެންމެ ނުފޫޒު ގަދަ 30 ޒުވާނުންގެ ތެރޭގައި ވެސް ހިމެނިފައިވާ ސަފާތު އަހުމަދު ޒާހިރު ޗައިނާއަށް ފުރައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، ސަފާތު ވިދާޅުވީ، މިއަހަރު ޗައިނާގައި ބާއްވާ، އިންޓަރނޭޝަނަލް ޔޫތު ފޯރަމްގައި ޒުވާން ލީޑަރެއްގެ ހައިސިއްޔަތުން އޭނާ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަދަ ފޯރަމެއްގައި ރާއްޖެ ތަމްސީލު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި މި ފޯރަމްގައި ސިލްކު ރޫޓުގެ މަޝްރޫޢުއާއި، އެ މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ލިބިގެންދާނެ ފައިދާތަކައި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފާތު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނާއި އަންހެނުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ފުރަތަމަ ފޭސް އިނީ، ޗަންޝާގަ. ދެވަނަ ފޭސް އިނީ ގުއާންޒޯގައި. ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އާއި ދުނިޔޭގެ އެކި ގައުމުތަކުގެ އދގެ ރެޕުޓޫއާސް ބައިވެރިވާނެ" ސަފާތު ވިދާޅުވިއެވެ.

ސަފާތަކީ، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއް ކަމުގައިވާ ވިމެން އެންޑް ޑިމޮކްރަސީގެ ފައުންޑާ މެންބަރެކެވެ.

ސަފާތު ވަނީ، 17 ލަނޑުދަނޑި ހާސިލްކުރަން އދ އިން ހޮވި 17 ޒުވާނުންގެ ތެރޭގައި ހިމެނިފައެވެ. އެއީ ދުނިޔޭގެ 186 ގައުމަކުން ކުރިމަތިލި 18،000 ޒުވާނުންގެ ތެރެއިން ހޮވާލެވުނު ޒުވާނުންނެވެ.

ފޯބްސް މެގަޒިންގައި އޭޝިޔާގެ އެންމެ ނުފޫޒު ގަދަ ޒުވާނުންގެ ލިސްޓުގައި ސަފާތުގެ ނަން ހިމަނާފައިވާ އިރު މިއީ ރާއްޖޭގެ ޒުވާނަކު ފޯބްސްގެ ލިސްޓެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

- ކޮމެންޓް