ކޮވިޑް-19 އާއި ގުޅިގެން ދިވެހި ރެޑްކްރެސެންޓުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 148،000 އަށް ވުރެ ގިނަ ކާބޯތަކެތި ބިދޭސީންނަށް ފޯރުކޮށްދީފައިވާ ކަމަށް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް، ފާތިމަތު ހިމްޔާ ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިމްޔާ ވިދާޅުވީ، ބަލިމަޑުކަމުގެ ތެރޭގައި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ހިމެނޭ 1700 ކިޓް ފޯރުކޮށްދީފައިވާ ކަމަށާއި ފުރަބަދުންގެ ތެރޭގައި 1500 އެމަރޖެންސީ މީލް ޕެކް ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަ 9800 ބިދޭސީންނަށް މި ޕްރޮޖެކްޓުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ހިމްޔާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ފުރަބަންދުގެ ފަހުން، ރެޑް ކްރެސެންޓުގެ މާލެ ގޮފިން، ބިދޭސީންނަށް ހާއްސަ ސަޕޯޓް ސެންޓަރެއް ގާއިމްކޮށްފައި ކަމަށާއި، އެ ސެންޓަރުުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާއިރު، މިހާތަނަށް 700 ކޯލަށް އެޓެންޑު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 300ށް ވުރެ ގިނަ ބިދޭސީންނަށް ކެއުމަށްޓަކައި ކޫޕަން ދޫކުރެވިފައިވާ ކަމަށް ހިމްޔާ ވިދާޅުވިއެވެ.
ސަޕޯޓް ސެންޓަރު މެދުވެރިކޮށް ބިދޭސީންނަށް 2600 މީލްސް ފޯރުކޮށްދީފައިވާނެ ކަމަށް ހިމްޔާ ފާހަގަކުރެއްވިއެވެ. އަދި 200ށް ވިރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ދާން ބޭނުންވުމުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ރެޑްކްރެސެންޓުން ބުންޏެވެ.
ދިވެހި ރެޑް ކްރެސެންޓުން ވަނީ ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން ބަލައި އެސެސް ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.