ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އިމަރޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވި 3،000ށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވި 3،042 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ.
އެގޮތުން ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 274 ފަރާތެއް ޖުރިމަނާ ކޮށް 1095 ފަރާތަކަށް ނަސޭހަތްދީ ފައިވާ ކަމަށް ސަމީރު ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރި ކުރި ފަހުން ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި 1188 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި މާސްކު ނާޅާ އުޅުނު 2901 ފަރާތަކަށް ނަސޭހަތް ދީފައިވާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ކާފިއު އިއުލާނު ކުރެވިފައިވާ ވަގުތު، ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުނު 3813 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާނެ ކަމަށާއި 1580 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށް ސަމީރު ފާހަގަކުރެއްވިއެވެ.
ސަމީރު ވަނީ ޖޫރިމަނާ ކުރުމަކީ ބޭނުންވާ ގޮތް ނޫން ކަމަށާއި، ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިހާރު ވެސް 09:30 ގައި ފިހާރަތައް ބަންދުކުރާ އިރު، ބަންދު ކުރުމުގެ ފަސް ވަރަކަށް މިނެޓް ކުރިން ފިހާރަތަކަށް ކަސްޓަމަރުން ދިއުމުން ފިހާރަތައް ބަންދުނުކޮށް ތިބެން ޖެހޭކަން ފާހަގަކޮށް އެގޮތަށް ކަންތައް ނުކުރުމަށް ސަމީރު ނަސޭހަތްތެރިވިއެވެ.