ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ބަހުގެ ޤާނޫނާ ޚިލާފަށް ހުންނަ ލިޔުންތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބަލައި ނުގަތުމަށް އެ އޮފީހުން ނިންމައިފި އެވެ. އިންފޮމޭޝަން ކޮމިޝަނުން ވަނީ އެފަދަ ލިޔުންތަކަށް އިޖާބަ ނުދިނުމަށްވެސް ނިންމާފަ އެވެ.
މިއަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ނިންމެވުން ނިންމަވާ، އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގައި ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުއާލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއް އޮފީހުން އަނެއް އޮފީހަށް ކުރެވޭ މުޢާމަލާތުތަކުގައި މި އުސޫލުގެ ދަށުން އަމަލުކުރުމަށް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން އާންމު ފަރުދުންނާއި އޮފީސްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް ކުރެވެން ޖެހޭނީ ދިވެހިބަހުން ކަމަށް ހާމަކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ދިވެހިބަސް ނޭނގޭ ބޭރުގެ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވާ ލިޔުންތަކާއި އީ-މެއިލް ފަދަ ތަކެތި ވެސް ހުންނަންވާނީ ދިވެހިބަހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެހެން ބަހަކުން އޮތްނަމަ ބަލައި ނުގަތުމަށާއި އެފަދަ ތަކެއްޗަށް އަމަލު ނުކުރާގޮތަށް ހަމަޖައްސަވާފައި ވާކަމަށް ވެސް އަބްދުލްއަޒީޒު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކޮމިޝަނަރ އަބްދުލްއަޒީޒު ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް ހިތުގައި އުފެދޭ ތަފާތު ޖަޒުބާތުތައް އެމީހެއްގެ ހިތަށް ވެރިވަމުންދާނީ އެމީހެއްގެ މާދަރީ ބަހުންކަމަށާއި އެ މީހަކަށް ކުރާ ހުރިހާ އަސަރެއްގެ އިހުސާސް ވެރިވަމުންދާނީ މާދަރީ ބަހުން ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގައި ހިންގުމަށް ބާރުއެޅުމަށްޓަކައި އުފައްދަވައިފައިވާ މިނިވަން މުއައްސަސާއެކެވެ.
މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދަވާފައިވާ އޮފީހެކެވެ. މި އޮފީސް އެކުލަވާލާފައިވަނީ 2014 ވަނަ އަހަރުއެވެ.