ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒައިދުލް އަމީންގެ މައްޗަށް މުޅިން އެހެން ތުހުމަތެއްގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ހުށަހަޅައިފި އެވެ.
ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ޒައިދު ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ޒައިދު ހައްޔަރުކޮށް މިހާތަނަށް އޭނާގެ ބަންދުގެ މުއްދަތު 8 ފަހަރެއްގެ މަތިން އިތުރުކޮށްފައި ވެއެވެ.
ޒައިދުގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ އޭނާގެ މުވައްކިލު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް، އޭގެ ފަހުން މީހުން ސިއްރުން ދައްކާ ވާހަކަ އަޑުއެހުމުގެ ތުހުމަތު ކުރި ކަމަށެވެ.
މަހުފޫޒު ވިދާޅުވީ ކުރާ ތުހުމަތު ތިން ވަނަ ފަހަރަށް ބަދަލުކޮށް ޒައިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޒައިދުގެ މައްޗަށް ކުރަން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާރުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ އަކުރުގައި ބަޔާންކޮށްފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މަހުފޫޒް ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ ކޮންމެވެސް ގޮޅިއަކަށް ޒައިދު ފައްތާލެވޭތޯ ގާނޫނުލް އުގޫބާތު ހާވަމުން ދިޔަކަން ކަމަށެވެ. އަދި ޒައިދު ހައްޔަރުކޮށް ކުރި ތުހުމަތަކީ އަސްލެއް ނޫން ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ގަބޫލުކުރައްވާކަން ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔާނެއް ހޯދުމަށެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުން ގެއްލިފައިވާ ކަމަށް ބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވަނީ ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.
އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ޒައިދު ވިދާޅުވެފައި ވެއެވެ.
ޒައިދުގެ މައްޗަށް ހިންގަމުންދާ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ޒައިދުކޮށްފައިވާ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.