ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓް 2020 ގައި ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުއަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ލ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 34,792,350.32 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.