އޭޑިކޭ ހޮސްޕިޓަލުން ކޮންސަލްޓޭޝަން މެމޯ ދެން ދޫކުރާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މިގޮތަށް ނިންމީ ޕްރިންޓްކޮށްފައި ހުންނަ ކަރުދާސް އަދި ހާޑް ކޮޕީ ދޫކުރުން ހުއްޓާލުމުގެ ގޮތުން ކަމަށެވެ.
ޑިޖިޓަލް މެމޯ ފޮނުވާ ގޮތަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ކަމަށާއި ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރަކީ ސައްހަ ނަންބަރެއްތޯ ޔަޤީން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އޭޑީކޭ އިން ޑިޖިޓަލް މެމޯ ފޮނުވުމަށް ނިންމާފައިވާއިރު އެ ހޮސްޕިޓަލުން ވަނީ ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.
އޭޑީކޭ އިން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ އަގަކީ ކުޑަ އަގެއް ކަމަށާއި، އެ އަގަކީ ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރެވޭ އެންމެ ހެޔޮ އަގު ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވަނީ ޖޫން މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭގައި މިހާރު ބަހައްޓާފައިވާ މެޝިނުން މެދުކެނޑުމެއްނެތި ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އައްފާލް ވިދާޅުވެފައިވެއެެވެ. އެގޮތުން ހޮސްޕިޓަލުގައި ޢާންމު ރައްޔިތުންނަށް ވީހާ ވެސް ފުޅާދާއިރާއެއްގައި ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް އަންނަ ބަލި މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އައްފާލް ވިދާޅުވީ މިވަގުތު އޭޑީކޭގެ އަމާޒަކީ ސަރުކާރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.