ކޮވިޑް-19 ޖެހިގެން ހޮނިހިރު ދުވަހު ބަލިން ރަނގަޅުވީ 52 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހު 52 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު 109 މީހަކު އަލަށް ޕޮޒިޓިވްވި ކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ބަލިން ރަނގަޅުވި މީހުންނަށްވުރެ ދެގުނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. ރާއްޖޭގެ ރިކަވަރީ ރޭޓަށް ބަލާ އިރު، ފާއިތުވި ހަފްތާ ތެރޭގައި ބަލިން ރަނގަޅުވީ 722 މީހުންނެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި 918 މީހުން ޕޮޒިޓިވްވެފައިވެއެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވީ ހޯމަ ދުވަހުއެވެ. އެދުވަހު އެކަނި 182 މީހުން ބަލިން ރަނގަޅުވިއެވެ. ނަމަވެސް އެ ދުވަހު އެކަނި ވެސް 140 މީހުން ޕޮޒިޓިވްވިއެވެ. އެންގެ ގިނައިން މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދުވަހަކީ ބުދަ ދުވަހެވެ. ބުދަ ދުވަހު އެކަނި 178 މީހުން ޕޮޒިޓިވްވިއެވެ. އެ ދުވަހު ބަލިން ރަނގަޅުވީ 122 މީހުންނެވެ.
މި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި މަސް ފެށުނު އިރު ރިކަވަރީގެ އަދަދަކީ 2613 އެވެ. އަދި މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 4925ށް އަރާފައެވެ. އެހެންކަމުން މިވީ 29 ދުވަހުގެ ތެރޭގައި 2312 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާ އިރު، މި މަސް ފެށުނު އިރު ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 3949 ގައެވެ. އަދި މި އަދަދު ވަނީ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް 7578ށް އަރާފައެވެ. އެހެންކަމުން މި 29 ދުވަހުގެ ތެރޭގައި 3629 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އައިސޮލޭޝަން ފެސިލީޓީތަކުގައި މިވަގުތު 1482 މީހުން ތިބި އިރު، މި މަސް ފެށުނު އިރު މި އަދަދު ހުރީ 815ގައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަސް ފެށުނު އިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައީ 72 މީހަކަށެވެ. އެހެންނަމަވެސް މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް މި އަދަދު ވަނީ 184ށް އަރާފައެވެ. ބަލީގައި ނިޔާވި މީހުންގެ އަދަދަށް ބަލާ އިރު މި މަސް ފެށުނު އިރު ޖުމްލަ ނިޔާވި މީހުންގެ އަދަދަކީ 16 އެވެ. ނަމަވެސް މި މަހުގެ 29ގެ ނިޔަލަށް 28 މީހުން މަރުވެފައިވާ އިރު މި މަސްތެރޭގައި އެކަނި ވެސް 12 މީހަކު ވަނީ މަރުވެފައެވެ.
ޖުމްލަ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގަމުންދާ އޮގަސްޓް މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި، ރަނގަޅުވި އަދި ނިޔާވި މަހެވެ.