ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 08:54
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިގެން ތާޖުއްދީން ސްކޫލުގައި އެނދުތައް އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަނީ: ފައިލް ފޮޓޯ
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިގެން ތާޖުއްދީން ސްކޫލުގައި އެނދުތައް އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަނީ: ފައިލް ފޮޓޯ
އެސްޓީއޯ
ފަރުވާދޭ އެނދުތައް ހުސްވަނީ
އެޑްމިޓްކޮށްގެން ފަރުވާ ދޭން ބާކީ ހުރީ 31 އިންސައްތަ އެނދު!
184 މީހަކަށް ދަނީ ފަރުވާ ދެމުން
މާލެ ސަރަހައްދުގައި ފަރުވަދިނުމަށް ހުރީ 266 އެނދު
އިތުރު އެނދުތަކެއް ތާޖުއްދީން ސްކޫލުގައި ވަނީ ބަހައްޓާފައި

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 184ށް އަރައިފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް އިތުރު 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ކުރިން ދުވަހު އިތުރު 18 މީހަކަށް ވަނީ ފަރުވާ ދޭން ފަށާފައެވެ.

މިއާއެކު ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 184ށް އަރާފައެވެ. ކޮވިޑަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަދި ހާލުބޮޑުވާ ބަލި މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި 250 އެނދު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ އިރު ޑީއެޗް-11 ގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް 10 އެނދު ހާއްސަ ކޮށްފައިވާ އިރު، ޑީއެޗް-16ގައި 06 އެނދު ހުރެއެވެ.

މީގެ އިތުރުން އަތޮޅުތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމް ކޮށްފައިވާ ފެސިލިޓީތަކުގެ ކެޕޭސިޓީއަށް ބަލާއިރު، ހއ. އިހަވަންދޫ ޓްރާންސިޓް ފެސިލިޓީގައި ތިން އައިސީޔޫ އެނދު ހުރެއެވެ. ށ. ފުނަދޫ ކޮވިޑް ފެސިލިޓީ ގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުރި އިރު، ބ. އޭދަފުށި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ގައި 20 އައިސީޔޫ އެނދާއި 25 އައިސޮލޭޝަން އެނދު ހުރެއެވެ.

މީގެ އިތުރުން، ލ. ގަމުގައި ގާއިމުކުރި ފެސިލިޓީގައި ހުރީ 15 އައިސީޔޫ އެނދު އަދި 13 އައިސޮލޭޝަން އެނދެވެ. ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 18 އައިސީޔޫ އެނދާއި ފަސް އައިސޮލޭޝަން އެނދު ހުރިއިރު، އައްޑޫގައި 23 އައިސީޔޫ ބެޑް އާއި 20 އައިސޮލޭޝަން އެނދު ހުރެއެވެ.

މިދިޔަ ހަފްތާގައި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 ޖެހިގެން ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހާއްސަ ކޮށްފައިވާ އެނދުތަކުގެ ތެރެއިން ބާކީ ހުރީ 38 އިންސައްތަ އެނދު ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ އެނދުތަކުގެ 62 އިންސައްތަ އެނދު ބޭނުން ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި ހަފްތާ ފެށިގެން ދިޔަ އިރު 184 މީހަކަށް ފަރުވާދޭން ފަށާފައިވާ އިރު، މިވަގުތު ބާކީ ހުރީ ގާތްގަނޑަކަށް 31 އިންސައްތަ އެނދު ނުވަތަ 82 އެނދެވެ. މިވަގުތު 69 އިންސައްތަ އެނދު ނުވަތަ 183 އެނދު އަންނަނީ ބޭނުންކުރަމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ބޭނުންކުރާ އެނދު ހުސްވެދާނެ ކަމަށް ބަލައި ކޮވިޑް-19 ބަލި މީހުންނަށް ފަރުވާދޭން ތާޖުއްދީން ސްކޫލު ހޯލުގައި އެނދުތަކެއް އެސްޓީއޯ އިން ވަނީ ބަހައްޓާފައެވެ.

އެސްޓީއޯ އިން ބުނީ، ތާޖުއްދީން ސްކޫލުގައި ބަހައްޓާ 19 އެނދަކީ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އަންގައިގެން ބަހައްޓާ އެނދުތަކެއް ކަމަށެވެ. މި އެނދުތަކަކީ ބަލި ޖެހޭ މީހުންގެ ކޭޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. އެނދުތަކުގެ އިތުރުން ބަލި މީހުންނަށް ފަރުވާދޭން ބޭނުންވާ ސިއްހީ އާލާތްތައް އެތަނުގައި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

- ކޮމެންޓް