ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 15:24
ލަންކާގެ ސްނައިޕަރެއް ކަމަށް ބުނެ ދައުވާ ކޮށްފައިވާ ލަހިރު މަދުޝަންކަ
ލަންކާގެ ސްނައިޕަރެއް ކަމަށް ބުނެ ދައުވާ ކޮށްފައިވާ ލަހިރު މަދުޝަންކަ
މިހާރު
ސްނައިޕަރު މައްސަލަ
ސްނައިޕަރު މައްސަލަ: އަޑުއެހުމެއް ނުބާއްވާތާ ހަތް މަސް، ޝަރީއަތް ނިމެންދެން ބަންދުގައި!
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ މިދިޔަ އަހަރުގެ އޯގަސްޓުގައި
ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި
ހެކި ބަސް ދިން މީހުން ތަހުގީގަށް ދިން ބަޔާން ދޮގުކުރުން ހުއްޓިފައި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރެއް ގެނައި ކަމަށް ބުނެ ހިންގާ ޝަރީއަތުގައި އަޑުއެހުމެއް ނުބާއްވާތާ ހަތް މަސް ދުވަސް ވެއްޖެ އެވެ.

 

ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނެސްފައިވާ ސްނައިޕަރެއް ކަމަށް ބުނެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އަހަރެއްހާ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭއްވުމަށް ފަހު މަދުޝަންކަގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

 

ސްނައިޕަރަކު ލައްވާ ރައީސް ޔާމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި މަދުޝަންކާގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ފަޒީލް ހަމީދު(ލޮރިއްޕެ)ގެ އިތުރުން އިސްހާގު ހުސެއިން(ސާގޭ)ގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ދައުވާ ކޮށްފަ އެވެ. އަދީބާއި ފަޒީލްގެ އިތުރުން އިސްހާގުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މެރުމަށް ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

 

އެމީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި ބަޑިޖަހާ މީހަކު ހޯދުމަށް އެމީހުން ރާވައި، އެ ރޭވުމުގެ ދަށުން މަދުޝަންކާ ރާއްޖެ ގެނައި ކަމަށެވެ.

 

މި މައްސަލައިގައި ދައުވާ ލިބޭ އިސްހާގުއާއި ފަޒީލްގެ އިތުރުން މަދުޝަންކާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދީބު މިހާރު ވެސް ގެންދަވަނީ ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

 

އެ ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. ސިއްރުކޮށްގެން ބޭއްވި އެ އަޑުއެހުމުގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކަކު އޭނާ އަށް ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ބަޔާނެއް ނެގުވި ކަމަށް ބުނެ، ތަހުގީގަށް ދިން ބަޔާނަށް އިންކާރުކުރި ހިސާބުން އެ ޝަރީއަތް ވަނީ ހުއްޓިފަ އެވެ.

 

އެ އަޑުއެހުމަށް ދައުލަތުން ހާޒިރުކުރި ދެ ހެކީންގެ ތެރެއިން އެކަކު ވަނީ ފުލުހުން އޭނާ އަށް ބިރުދައްކައި ބަޔާން ނެގި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކޮއްކޮ ހައްޔަރުކޮށް ބިރުދައްކައި އޭނާއާ މެދުވެސް އެފަދަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ބުނެ ފުލުހުން ބޭނުންވާ ގޮތަށް ބަޔާންދޭން މަޖުބޫރު ކުރުވި ކަމަށް ހެކިވެރިޔާ ކޯޓުގައި ބުނެފައިވާ ކަމަށް އެނގިފައި ވެ އެވެ.

 

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ވެސް ހެކިވެރިޔާ ބުނެފައި ވެ އެވެ.

 

ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއްވާތީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސްރީލަންކާގެ ފޮރިން މިނިސްޓްރީން ދިވެހި ސަރުކާރާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޝަރީއަތް އަވަސް ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

- ކޮމެންޓް