ބުދަ ދުވަހު ވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.
އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް 178 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 141 ދިވެހިންނާއި، ބަންގުލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހެއްގެ އިތުރުން ސްޕެއިންގެ 2 މީހެކެވެ. އެޗްޕީއޭއިން ބުނީ ބުދަ ދުވަހު ޕޮޒިޓިވްވި 178 މީހުންގެ ތެރެއިން 2 މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި 2 މީހުން ކަމަށެވެ.
ބުދަ ދުވަހު ބަލިން ރަނގަޅުވީ 122 މީހުންނެވެ. ބުދަ ދުވަހު 178 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރާއްޖޭގައި އެންމެ ފުރަތަމަ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް 7225 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް މި މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދެމުން ދަނީ 2636 މީހުންނަށެވެ. ރާއްޖޭގައި މިހާތަނަށް 4561 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވީ 28 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 162 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އައިސޮލޭޝަންގައި މިވަގުތު 1458 މީހަކު އެބަތިއްބެވެ. ރާއްޖެއިން މިހާތަނަށް އައި އިރު 106،909 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ.
މިހާތަނަށް 33 ރަށަކުންނާއި 15 ރިސޯޓަކުން ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެނިފައެވެ. ރަށްރަށުން މިހާތަނަށް 58 މީހަކު ޕޮޒިޓިވްވެފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި 7 ބިދޭސީންނެވެ. އަދި މީގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް ވެގެން ޕޮޒިޓިވްވެފައިވަނީ އެއްމެ މީހެކެވެ. ރިސޯޓްތަކުން މިހާތަނަށް 11 ފަތުރުވެރިންނާއި 15 ސްޓާފުން ވަނީ ޕޮޒިޓިވްވެފައެވެ.