ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ކުރުމާ ގުޅިގެން އެ ޖޫރިމަނާ ދެއްކުމަށް ރާއްޖެޓީވީން ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް އެހީވުމަށް އައްޑޫ ސިޓީ ހިތަދޫގައި "ކުއްލި އަބުރު" ފޮއްޓެއް ހުޅުވައިފިއެވެ.
މި ފޮށި ބަހައްޓާފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ އެމްޑީޕީ ހަރުގޭގައެވެ.
ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވަނީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ޖަލްސާގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ސަރުކާރުން ތަރައްގީއަށް މަސައްކަތް ނުކުރެވޭ ވާހަކައާއި، ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އަށަގެންފައިވާ ވާހަކައެވެ. އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާކުރީ، ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދެއްކި ދުވަހުއެވެ.
އިންތިހާ އަށް ބޮޑު އަދަދަކުން ރާއްޖެޓީވީ ޖުރިމަނާ ކުރި ކުރުން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިންނާއި، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރިން ކުރެއްވި ހަތަރު ބޭފުޅަކުވެސް ވަނީ އެއީ އިންސާފުން ކުރި ކަމެއް ނޫންކަން ހާމަ ކޮށްފައެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ މިފަންޑަކީ ރާއްޖެޓީވީއަށް ހެޔޮއެދޭ ރާއްޖެޓީވީގެ ބެލުންތެރިން ޖުރިމަނާ ދެއްކުމުގައި އެހީތެރިވުމަށް އެދެމުންދާތީ ހުޅުވި ފަންޑެއް ކަމަށެވެ. ފިޔާޒް ވިދާޅުވީ "އަބުރުފުޅު ފަންޑު" ބުދަދުވަހު ހުޅުވާ އެފަންޑުފޮށި ރާއްޖެ ޓީވީގައި ބެހެއްޓިނަމަވެސް ރާއްޖޭގެ އެކިއެކި ހިސާބުތަކުން އެފަންޑަށް އެހީތެރިވެދެވޭނެ ކަމަށެވެ. އަދި ރާއްޖެ ޓީވީން މީގެ ކުރިން ހުޅުވި "އަބުރު ފަންޑަށް" ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަންވެސް ފިޔާޒް ފާހަގަ ކުރެއްވިއެވެ.