ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގައިފިއެވެ.
އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކްޓިވް ގެ އިތުުރުން ވެންޓިލޭޓަރު އެގްރީމަންޓުގައި ސޮއިކުރި ފަރާތް ވެސް ގޭގައި މަޑުކުރަން އަންގާފައިވެއެވެ.
މިކަން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ރާއްޖެއެމްވީ އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހޭދަތަކާއި ގުޅޭ ކޮރަޕްޝަންގެ ކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ރައީސް ވަނީ އަންގަވާފައެވެ.
ހޫދު ވިދާޅުވީ އެ މައްސަލަ ބަލަން އޭސީސީއާއި ފުލުހުންނަށް ހުށަހެޅުއްވީ މިއަދު ކަމަށެވެ. އެގޮތުން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތަށް ފުލުހުންނާއި އޭސީސީ ދެފަރާތުން ގުޅިގެން މައްސަލަ ބަލާ ގޮތަށް ހުށަހެޅިފައިވާނެ ކަމަށާއި، އެ ބޭފުޅުން ވިދާޅުވާ ގޮތެއްގެ މަތިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.