މިސަރުކާރާއި ދިމާލަށް ބަހެއް ބުނެލާއިރަށް ގެންގޮސް ޖަލަށް ލިޔަސް، ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތ. ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒެއިނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި ގައުމު މިނިވަން ކުރަން ބޭނުންނަމަ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންޖެހޭ ކަމަށެވެ. އެހެންކަމުން ކޮންމެ އިންތިހާބަކީވެސް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި މިސަރުކާރުގެ ކިބައިން ސަލާމަތްވުމުން މިރާއްޖެއަކީ މިނިވަންކަމާއި އެކީ ހުރިހާ ހައްގުތައް ހިމަޔާތް ކުރެވޭ ގައުމަކަށް ހަދާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބުގައި ވޯޓްލާން އެބަޖެހޭ. ކެމްޕެއިން ނުކޮށް އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ބުނާއިރު މީގައި ކޮންވެސް އުކުޅެއް އެބައޮތް. އެމްޑީޕީ ރާޢްޖޭގައި ބޯކޮށް އެބައޮތް. ރައީސް ޔާމިންއަށް ނުވަދިހަ ފަސް އިންސައްތަ މީހުން ތާއީދެއް ނުކުރޭ" ރޮޒެއިނާ ވިދާޅުވި އެވެ.
ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވީ އެތައް އިންތިހާބެއް ބާތިލްކޮށްގެން ކަމަށްވާއިރު ރައީސް ޔާމިންގެ ވެރިކަމަކީ ކަޅު އަނދިރިކޮށް ފެށުނު ވެރިކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަން ފެށުމާއިއެކު އަޑު އިވިގެންދިޔައީ ކޮރަޕްޝަނާއި، ވައްކަން އަދި ބޭއިންސާފްގެ ވާހަކަ ކަމަށާއި، އެއީ ރައްޔިތުންގެ މެދުގައި އާންމު ބަސްތަކަށްވެފައިވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ، ހުރިހާ މުއައްސަސާއަކަށް ނުޒޫފު ފޯރުވައިގެން އެންމެ މޮޅަށް ވެރިކަން ކުރެވެން ހުރި ވެރިއަކީވެސް ރައީސް ޔާމިންކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ބާރެއް ރައީސް ޔާމިންގެ އަތްޕުޅުގައި އޮތް އިރުވެސް ރައްޔިތުންގެ ތާއީދެއް އެމަނިކުފާނަށް ނެތް ކަމަށެވެ.
"ރައްޔިތުންގެ ވިސްނުމާއި މަލާމަތް ރައީސް ޔާމިންއަށް ލިބިވަޑައިގަންނަވަނީ. ވެރިކަން ދިފާއު ކުރަން ހަދައިގެން ކޮސްގޮވެނީ. ރައްޔިތުންގެ ފާއިސާއިން އިޝްތިހާރު ވަނީ" ރޮޒެއިނާ ވިދާޅުވި އެވެ.