ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ޕީޕީއެމަށް ސޮއިކުރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާތައް އިތުރުވެއްޖެ އެވެ.
ވަޒީފާގެ ނުފޫޒާއި އެހެނިހެން ގޮތްގޮތުން ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމަށް މީހުން ވެއްދުމަށް ކުރަމުންދާ މަސައްކަތް މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ބައެއް މުވައްޒަފުން ވަނީ "ރާއްޖެއެމްވީ"އަށް ހިއްސާ ކޮށްފަ އެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން، އެންމެ މުވައްޒަފުން ގިނަ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް މަޒުބޫރު ކޮށްގެން ޕީޕީއެމްއަށް ސޮއި ކުރުވަމުންދާ ކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހު ވަނީ ލިބިފަ އެވެ.
އެމްޕީއެލްގެ މުވައްޒަފަކު ބުނީ އެމްޕީއެލްގެ ހުރިހާ މުވައްޒަފުންނަށް ޕީޕީއެމަށް ވަނުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށާއި އޮފީސް ތެރޭގައި ވަކި ތަނަކަށް މީހުން ގެނެސް ޕީޕީއެމް ފޯމް ދިނުމަށްފަހު ސޮއި ކުރުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ. އަދި ސޮއި ނުކޮށްފިނަމަ އެމީހަކު އޮފީހުން ފޮނުވާލާ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ވަޒީފާއިން ކަނޑާލާ ހިސާބަށް ކަންތައް ދިޔުމުންނޫނީ އޭނާ ޕީޕީއެމް މެމްބަރޝިޕް ފޯމްގައި ސޮއި ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ އެމްޕީއެލްގެ ވަޒީފާގައި ވަރަށް ގިނަ ދުވަހު ހިދްމަތް ކޮށްފައިވާ މީހުންނަށްވެސް ޕީޕީއެމަށް ވަނުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ.
ޕީޕީއެމަށް މީހުން އިތުރު ކުރުމަށް އެސްޓީއޯ އާއި ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ ފަދަ ކުންފުނި ތަކުންވެސް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތުން މާލޭގައި ހުރި ކުންފުނިތަކުގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޕީޕީއެމަށް ވަނުމަށް މަޖުބޫރު ކުރުވަމުންދާ ކަމުގެ މައުލޫމާތު މިހަފްތާގެ ތެރޭގައި ވެސް ވަނީ ލިބިފަ އެވެ. މިފަދަ ކަމެއްގެ މައުލޫމާތު ކ. ކާށިދޫ ކައުންސިލުންވެސް ވަނީ "ރާއްޖެއެމްވީ"އަށް ހިއްސާކޮށްފަ އެވެ.
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްގައި ސޮއި ނުކުރާ ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ވަޒީފާ އެހެން ތަނަކަށް ބަދަލު ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައިވެއެވެ.
އެގޮތުން ފެލިވަރު މަސްފެކްޓަރީގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކޫއްޑޫ އަށް ވަނީ މިހަފްތާގައި ބަދަލުކޮށްފަ އެވެ.
މުވައްޒަފުން އެހެން ތަންތަނަށް ބަދަލު ކުރަމުންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އެފަރާތްތަކުން ބުނެއެވެ.