ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 20:50
ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސްގެ ބައިވެރިން
ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސްގެ ބައިވެރިން
އެމްއެންޑީއެފް
ޑައިވް ކޯސް ނިންމާލުން
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
ބައިވެރިވެފައިވާ ހަތަރު ގައުމަކީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ސިފައިން

ހަތަރު ގައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިކޮށްގެން އެމްއެންޑީއެފުން ހިންގި ކޯސްޓްގާޑުގެ ފަސް ވަނަ ބޭސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

 

އެމްއެންޑީއެފުން މައުލޫމާތުދިންގޮތުގައި ބޭސިކް ޑައިވް ކޯސް ނިންމުމުގެ ގޮތުން ބުރާސަފަތި ދުވަހު ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. އަދި ކޯހުން ފާސްވި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހީމެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްފައިވަނީ ކަނޑު އަޑީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެވެ.

 

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

 

މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 13 ގެ ނިޔަލަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި މި ކޯހުގައި 16 ސިފައިން ބައިވެރިވެފައިވެއެވެ. މިކޯހުގައި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ފަސް ސިފައިން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ސިފައިންނެވެ.

 

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި މި ކޯހުގައި ދަރިވަރުންނަށް ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.

 

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާންތް ހާންޑޫއާއި އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

 

- ކޮމެންޓް