ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެހީވުމަށް އޮސްޓްރޭލިއާ އިން ނިންމައިފިއެވެ.
އ.ދ. ގެ އާބާދީ ޖަމްޢިއްޔާ (ޔޫ.އެން.އެފް.ޕީ.އޭ) އިން ބުނީ އެ ޤައުމުން އެހީވުމަށް ނިންމާފައިވަނީ ބަލިމަޑުކަމުގެ ތެރޭގައި އުފަންވެނި ޞިއްޙަތާއި އަދި މިންތީގެ ސަބަބުން ކުރާ އަނިޔާ އާއި ގުޅޭ ޚިދުމަތްތައް އަންހެނުންނަށާއި އަންހެން ކުދީންނަށް ފޯރުކޮށްދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ހިންގާ ޙަރަކާތްތަކަށް ކަމަށެވެ.
އެގޮތުން އޮސްޓްރޭލިއާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑޭވިޑް ހޮލީ އާއި އ.ދ. ގެ އާބާދީ ޖަމްޢިއްޔާ (ޔޫ.އެން.އެފް.ޕީ.އޭ) އަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރ ރިޓްޒް ނަކެން، 300،000 އެމެރިކާ ޑޮލަރުގެ (4,500,000 ދިވެހި ރުފިޔާގެ) އެހީގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން އުފަންވެނި ޞިއްޙަތާއި އަދި މިންތީގެ ސަބަބުން ކުރާ އަނިޔާއާއި ގުޅޭ މަޢުލޫމާތާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ ޙަރަކާތްތަކަށް މި ފައިސާގެ އެހީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މި އެހީގެ ބޭނުންކޮށްގެން ހުޅުމާލެއާއި ހ.ދ. އަތޮޅުގައި އުފަންވެނި ޞިއްޙަތާއި ބެހޭ ދެ މަރުކަޒު އަކީ އެއްފުރާޅެއްގެ ދަށުން ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، މިންތީގެ ސަބަބުން ކުރާ އަނިޔާ ތަޙައްމަލު ކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ޤާބިލްކަން އިތުރު ކުރެވޭނެކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނީ މި ދާއިރާއިން ހޭލުންތެރި ކުރުވުމުގެ ޙަރަކާތްތައް ހިންގުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އުފަންވެނި ޞިއްޙަތުގެ ޚިދުމަތްތައް ދޭ މަރުކަޒުތަކަށް ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ފޯރުކޮށް ދެވޭނެ ކަމަށެވެ.
އޮސްޓްރޭލިއާއިން ޔޫ.އެން.އެފް.ޕީ.އޭ އަށް ދިން އެހީ އަކީ ކޮވިޑް-19 އަށް ތައްޔާރުވެ، އެ ބަލިމަޑުކަމާއި ދެކޮޅަށް ފިޔަވަޅުއަޅައި އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށް އެ ޤައުމުން ދިވެހިރާއްޖެއަށް ދޭ 630،000 އޮސްޓްރޭލިއާ ޑޮލަރުގެ އެހީގެއެއް ބައެވެ.
އިންޑިއާ ކަނޑުގައިވާ ދެ ޤައުމުގެ ގޮތުން، އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ގިނަދުވަސްވީ އަދި ދުވަހުން ދުވަހަށް އިތުރަށް ހަރުދަނާވަމުން އަންނަ ގުޅުމެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެ ދުވަހަކު ވެސް ނުދެކޭފަދަ ކާރިސާއެއް ނިއުޅެމުންދާއިރުގައި، ގާތް ރަޙުމަތްތެރިން އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ މުހިއްމުކަން ކުރިޔަށްވުރެން ވެސް ބޮޑުކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ.