ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 15:41
މި މަސައްކަތުގެ އެއް މަޤްސަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން
މި މަސައްކަތުގެ އެއް މަޤްސަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން
ރާއްޖެ އެމްވީ
އާލާކޮށްފައިވާ ފާނަ ނީލަމުގައި ގަތުން
އާލާކޮށްފައިވާ ފާނަ ނީލަމުގައި ގަތުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލައިފި
ނީލަން އުސޫލުން ހުޅުވާލީ މި ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް
ބައިވެރިވުމަށް auction.mmri.gov.mv ގައި ރަޖިސްޓްރީވާން ޖެހޭނެ
ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާ

މޫދުކޮށީގައި އާލާ ކޮށްފައިވާ ފާނަ ނީލަމުގައި ގަތުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފާނައިގެ ވިޔަފާރި ނީލަން އުސޫލުން ހުޅުވާލީ މި ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުންވެސް މަޤްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މިނިސްޓްރީން ފަށާފައިވާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ" ދަށުން ފަށާފައިވާ މި މަޝްރޫޢުއަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ. އެގޮތުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާއިރު، އދ. މަހިބަދޫން މި މަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއްހާސް ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން އެކަމަށް ބޭނުންވާ ތަމްރީނު އެމް.އެމް.އާރު.އައި ގެ ފަންނީ މުޢައްޒަފުންގެ ފަރާތުން ވަނީ ދީފައެވެ.

އޭގެ އިތުރުން، ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނީލަމަށް ފަހަރަކު އިތުރު ކުރެވޭނޭ އެންމެ ކުޑަ އަގަކީ ފަސްރުފިޔާ ކަމަށާއި، ފަހަރަކު އިތުރު ކުރެވޭނޭ އެންމެމަތީ އަގަކީ ދިހަރުފިޔާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހިނގާ އޮގަސްޓު މަހުގެ 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި، އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ 20:00 ގެ ކުރިން auction.mmri.gov.mv ގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ވުމުން ނީލަމަށް އަގު ހުށައެޅުމުގެ ފުރުސަތު އޮގަސްޓް 19 ވާ ބުދަ ދުވަހުގެ 20:00 ގެ ނިޔަލަށް ހުޅުވިފައި ހުންނާނެއެވެ.

- ކޮމެންޓް