ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖްލީހަށް އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ދެ ވަކީލަކަށް ނުވަދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންގައިފިއެވެ.
ޤާސިމްގެ އިތުރުން އަބްދުﷲ ރިޔާޒް ވެސް ތަމްސީލު ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން ކޯޓަށް ނުވަދެވޭނެ ކަމަށް އަންގާފައިވަނީ ގާނޫނީ ވަކީލް އަހުމަދު ޝަފީގާއި ހިސާން ހުސައިންއަށެވެ.
ޤާސިމްއާ ރިޔާޒްގެ ޝަރީއަތުގެ މަޖްލީހަށް ނުވަދެވޭނެކަން އެ ދެ ވަކީލުން އަންގާފައިވަނީ ބުރާސްފަތި ދުވަހު އޮތް ސަރީއަތުގެ މަޖްލީހަށް ހާޒިރުވުންމުންނެވެ.
އަހުމަދު ޝަފީގަށް ޝަރީއަތުގެ މަޖްލީހަށް ނުވަދެވުނީ ކްރިމިނަލް ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އަދި ހިސާންއަށް ކޯޓަށް ނުވަދެވުނީ ގާސިމްގެ މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް ހިސާން ވިދާޅުވިއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރީއަތުގެ މަޖްލީހަށް ނުވަދެވޭނެ ކަމަށް އެންގީ ހަމައެކަނި މިއަދު ޝަރީއަތުގެ މަޖްލީހަށް ކަމަށެވެ.
ޝަރީއަތުގެ މަޖްލީހަށް ނުވަދެވޭނެ ކަމަށް އެންގީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓުން ނެރޭ އަމުރަކީ "ވާނުވާ" ކޯޓު އަމުރެކޭ ވިދާޅުވެފައި ވާތީ ކަމަށް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައި ވެއެވެ.
އެވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ކޯޓުތަކާއި މެދު އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާތީ ކަމަށް އަންގާފައިވަ ކަމަށް ހިސާން ވިދާޅުވިއެވެ.
ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ "ބުރާސްފަތި ދުވަހު ބާއްވާ ގާސިމް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރާނެ ކަމަށް ބެލެވޭ" ކަމަށެވެ. ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ވެސް ވަނީ "ވާނުވާ" ޖަހައި ގާސިމް ބަންދުކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަހުމަދު ޝަފީގު ވިދާޅުވީ އެ ކަހަލަ ބައެއް މައްސަލަތަކުގައި އާއްމުކޮށް އަމަލު ކުރާ އުސޫލަށް ބަލާއިރު މިއަދު ހަވީރު ދޫކޮށްލައިފި ނަމަ މާދަމާ އަނެއްކާ ވެސް ހައްޔަރު ކުރާނެ ކަމަށްވެ. އެހެން ނޫން ނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރެއް ނެރޭނެ ކަމަށެވެ.