ވަގަށް ނަގައިގެން ގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބެނީ މުއައްސަސާތައް ފެއިލްވެފައިވާތީ ކަމަށާއި، މި މައްސަލަ ބެލުމުގައި ވަކިން ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ ކަމަށް ރިޟްވާންގެ އާއިލާއިން ބުނެފިއެވެ.
ރިޟްވާން ގަދަކަމުން ގެންގޮސް މަރާލާފައިވާތާ 6 އަހަރު ހޮނިހިރު ދުވަހަށް ވެފައިވާ އިރު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ ވޭތުވެދިޔަ 5 އަހަރަކީ ވަރަށް ހިތްދަތި ފަސް އަހަރު ކަމަށެވެ. އަދި ވޭތުދިޔަ ތަނުގައި ނުދާ ވެރިއެއް އަދި ނުދާ މުއައްސަސާއެއް ނުހުންނާނެ ކަމަށާއި، ނިމިގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އެ އާއިލާއަށް އެންމެ އަނިޔާ ދިން ސަރުކާރު ކަމަށެވެ.
ޝެހެނާޒު ބުނީ ކުރީ ސަރުކާރުން އަނިޔާ ދިން ނަމަވެސް މި ސަރުކާރު އައި ފަހުން އުއްމީދެއް ލިބިގެންދިޔަ ކަމަށާއި، އެއީ މަރު ކޮމިޝަން ކަމަށެވެ.
މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ މަރުކޮމިޝަން. އަޅުގަނޑުމެން އިންތިޒާރު މިކުރަނީ މަރުކޮމިޝަނަށް. އަޅުގަނޑުމެން ރައީސާއި ބައްދަލުކުރެއްވުމަށްފަހު ހުށަހެޅީ ބޭރުގެ މާހިރަކު ގެނެސްދެއްވަން. ވަރަށްބޮޑު އުއްމީދެއް ދެއްވި އަޅުގަނޑުމެންނަށް އެކަން ކޮށްދެއްވާނެކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ އެކަން ކޮށްދެއްވާނެ ކަމަށް،ރިޟްވާންގެ ދައްތަ ޝެހެނާޒް
ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި ދިގުލައިގެންދާތީ އެކަމާއި ގުޅޭގޮތުން ރިޟްވާންގެ ދައްތަ ޝެހެނާޒް ބުނީ މައްސަލައަށް ހައްލެއް ނުލިބެނީ މުއައްސަސާތައް ފެއިލްވެފައިވާތީ ކަމަށާއި، ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ ކަމަށެވެ. އޭނާ ބުނީ ފުލުހުންގެ މުއައްސަސާ އަށް އެއްވެސް އިތުބާރެއް ނުކުރާ ކަމަށެވެ.
ހާއްސަކޮށް އަޅުގަނޑުމެން މިހާރު ވެސް ފުލުހުންގެ މުއައްސަސާއަކަށް އިތުބާރެއް ނުކުރަން. އެތާ ތިބި އޭނާއަށް ފާރަލި މީހުން ވަޒިފާތަކުގައި. ދެން ތިބި މުއައްސަސާތަކުގައި ވެސް ތިބީ އޭނާއަށް އަނިޔާދޭން ކަން ކުރި މީހުން. ސަރުކާރުގެ މުއައްސަސާތައް ފެއިލްވެފައިވާތީ އިންސާފު ހޯދަން ލަސްވެގެން މިއުޅެނީ،ރިޟްވާންގެ ދައްތަ ޝެހެނާޒް
ރިޟްވާންގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާއިންނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކިފަހަރުމަތިން އެކި ވާހަކަ ދައްކަވާފައިވާތީ އާއި، ރިޟްވާން ދުނިޔޭގައި ހުރިކަމުގެ 90 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން އެކި ވާހަކަތައް ދައްކާފައިވަނީ ސިޔާސީ ފައިދާ ހޯދުމަށް ކަމަށް ޝެހެނާޒް ބުންޏެވެ.
ހަގީގަތުގައި އެކަހަލަ ވަޒީފާތަކުގައި ތިބި މީހުންނަށް ދެކެވެންވާނެ ވަރުގެ ވާހަކަތަކެއް ނޫން އެއީ. ރައީސް ޔާމީންވެސް އެއިރު ލައިވް ޓީވީގައި ވިދާޅުވި ރިޟްވާންވީ މަރުވެފައޭ. އަނެއްފަހަރު ވިދާޅުވި ރިޟްވާން މަރެއް ނުވޭ ދުނިޔޭގައި އެބަހުއްޓޭ. މި މައްސަލައިގެ ތަހުގީގެއް ވެސް އަދި ނުހިނގާ މިއަދާ ހަމައަށް ވެސް. ރިޟްވާން މަރާލި ގޮތުގެ ވާހަކަ މަރުކޮމިޝަނުން ހާމަކޮށްފައިވާ އިރު، އޭގެ ކުރިން އެފަދަ އެއްވެސް ވާހަކަތަކެއް އަޑު އަހާފައި ނުވޭ. އެދުވަހު ޝޮކެއް ލިބިގެންދިޔައީ އެ ވާހަކަ އަޑުއެހީމަ. އެކަމަކު އަދިވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އޭނާ މަރުވި ކަމަކަށް އެއްގޮތަކަށް ވެސް،ރިޟްވާންގެ ދައްތަ ޝެހެނާޒް
ޝެހެނާޒް ބުނީ މި ކަމުގައި ކަމެއް ކޮށްދެވޭނީ ސަރުކާރަށް ކަމަށާއި، ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރިޟްވާނަށް އިންސާފު ހޯދައި ދިނުމަކީ ނިކަމެތި މީހުންނަށް ކުރެވޭނެ ކަންތަކެއް ނޫން ކަމަށެވެ.
ގަދަކަމުން ގެންގޮސް ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިންނެވެ. ނަމަވެސް މަރު ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ބަޔަކު ރިޟްވާނަށް ފާރަލާ ހުޅުމާލެއިން ކާރަކަށް ގަދަކަމުން އަރުވާފައިވެއެވެ. ރިޟްވާން ގަދަކަމުން ކާރަކަށް އަރުގައިވެގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގައި ފަޅުގައި އަޅާފައި އޮތް ޑިންގީ އަކަށް ކަމަށެވެ. އަދި އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
އަދި ރިޟްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާއި، އޭނާ މަރާލީ ކުފުރު ވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އޭނާ މަރާލުމަށް ފަހު ގައިގައި ދާ އޮޅުމަށްފަހު ކަނޑުފައްތާފައި ވާ ކަމަށް އިންޓެލް މައުލޫމާތު ލިބިފައި ވާކަމަށް މަރު ކޮމިޝަނުން ހާމަކޮށްފައިވެއެވެ.