ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް އެމްޑީޕީން ކުރާ ކެމްޕެއިން ދަތުރުގައި ތ.އަތޮޅަށް ދަތުރު ފަށައިފި އެވެ.
އެމްޑީޕީން ކުރާ ކެމްޕެއިން މިދަތުރުގައި އެޕާޓީގެ ފަރާތުން ކައުންސިލް އިންތިޙާބަށް ވާދަކޮށްފައިވާ ކެންޑިޑޭޓުން ތައާރަފްކުރުން އޮންނާނެއެވެ.
މިދަތުރުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެގޮތުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި މެމްބަރު ރޮޒައިނާ އާދަމްއާއި މެމްބަރު މުހައްމަދު ފަލާހްގެ އިތުރުން އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.
މިކެމްޕެއިން ދަތުރުގައި ތ. އަތޮޅުގެ ހަ ރަކަށް ދިއުމަށް ހަމަޖެހިފައިވާއިރު ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުން ހިމެނޭ ކަމުގައި އެމްޑީޕީން ހާމަކުރެއެވެ. މީގެ އިތުރުން ތިން ރަށުގައި ޖަލްސާ ބާއްވައެވެ. އެގޮތުން ކިނބިދޫ ވިލިފުށި ތިމަރަފުށީގައި ޖަލްސާ އޮންނާނެ ކަމުގައިވެއެވެ.
ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދާއި ދިމާކޮށް ކުރާ މިދަތުރުތަކުގައި އެމްޑީޕީގެ ހަރުގެތައްވެސް ހުޅުވައެވެ. އެގޮތުން ތ.އަތޮޅުގައިވެސް ހަރުގެތައް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.
މިކެމްޕެއިން ދަތުރު ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލައް ކަމުގައި އެމްޑީޕީން ހާމަކުރެއެވެ